ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރާއްޖެ ވަޑައިގަތުމުގެ އުފަލުގައި ހދ ނޭކުރެންދޫ ޖުމްހޫރީ ޕާޓީގެ ގޮފިން އިސްނަގައިގެން ގުޅިފައިވާ ޕާޓީތަކާ ގުޅިގެން އެރަށުގެ ރައްޔިތުންނަށް ހާއްސަ ޖާފަތެއް ބޭއްވުމަށް ނިންމައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް ހައިކޯޓުން ނިންމީ ހުސްވި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.
އެމަނިކުފަނު މިއަދު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެކަމުގެ އުފާފާޅުކުރުމަށް ގެންދަނީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ. އެގޮތުން ހދ ނޭކުރެންދޫގައި އެރަށުގެ ޖުމްހޫރީ ޕާޓީގެ ގޮފިން އިސްނަގައިގެން ގުޅިފައިވާ ޕާޓީތަކާއި އެކު ރަށުގެ ރައްޔިތުންނަށް ބާބަކިއުއަކާއި އެކު ބޮޑު ޖާފަތެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
މިޖާފަތް ތައްޔާރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޖުމްހޫރީ ޕާޓިގެ މެމްބަރު އަބްދުﷲ އަރީފް ބުނީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމް މިނިވަނެއްގެ ގޮތުގައި ރާއްޖެ ވަޑައިގަތުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ގާސިމް އިބްރާހީމް މިނިވަންވެ ރާއްޖެ ވަޑައިގަންނަވާނެ އިރަކަށް ނޭކުރެންދޫގެ ރައްޔިތުން ތިބީ އިންތިޒަރުގައި ކަމަށްވެސް އަރީފް ބުންޏެވެ. އަދި މިއަދު އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެކަމުގެ އުފަލުގައި ބާއްވާ ޖާފަތް މިއަދު ހަވީރުން ފެށިގެން މިރެއާއި ހަމައަށް ރަށުގެ އަތިރިމަތީގައި ކުރިއަށް ދާނެ ކަމަށްވެސް އަރީފް ބުންޏެވެ.
ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށް، ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އެދިވަޑައިގަތުމުން އެކަން ވަރަށް ރަނގަޅަށް ރައްޔިތުން ވޯޓުން ދައްކައިދީފި ކަމަށްވެސް އަރީފް ބުންޏެވެ.
ހުރިހާ ރަށަކަށް ގާސިމް އިބްރާހީމަށް ވަޑައިނުގަނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާ އެހެންނަމަވެސް ނޭކުރެންދޫގެ ރައްޔިތުންގެ އެދުމަކީ ކައިރި މުސްތަގުބަލެއްގައި ގާސިމް އެރަށަށް ވަޑައިގަތުން ކަމަށްވެސް އަރީފް ވަނީ ބުނެފަ އެވެ.
ގާސިމް ރާއްޖެ ވަޑައިގަންނަވާތީ އެކަމުގެ އުފަލުގައި ހާއްސަ ޖާފަތެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ