ރައީސް މައުމޫނު ހައްޔަރުކުރި ގޮތުގެ ވާހަކަ ރައީސް ޔާމީނުގެ ދުލުން ދެ ފަހަރު ދެގޮތަށް!

ރައީސް މައުމޫނު އަބްދުލް ގައްޔޫމުް ހައްޔަރުކުރި ގޮތުގެ ވާހަކަ ރައީސް އަބްދުﷲ ޔާމީނުގެ ދުލުން ދެ ފަހަރު ދެގޮތަށް ވިދާޅުވެ އެކަން ކުރެއްވި އެމަނިކުފާނު ނޫންކަމަށް އަނެއްކާވެސް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ހާއްސަ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫނު ހައްޔަރު ކުރެއްވީ އެމަނިކުފާނު ނޫން ކަމަށާއި، އެއީ ފެބުރުއަރީ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހިނގި ކަމެއް ކަމަށެވެ. އަދި ސްޕްރީމް ކޯޓުގެ އަމުރަކީ ޕީޕީއެމުގެ އެތެރޭގެ ކޯޅުންގަނޑު ގޮސްފައިވާ ހިސާބު ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީކީ އެއްވެސް ގައުމެއްގެ ރައްޔިތުން އެ ގައުމެއްގެ ސުޕްރީމް ކޯޓުން ކުރާނެ ކަމަށް މިހާތަނަށް ދުނިޔޭގެ ތާރީޚުން ނަގާދީފައި އޮތް ފިލާވަޅެއް ނޫން. އެއީ ދިވެހިރާއްޖެއަށް އުފެއްދި، ހަމައެކަނި ދިވެހި ރާއްޖެއަށް ފިޓްވެގެންދިޔަ ކަމެއް. މިވެސް އަޅުގަނޑުމެންގެ ޕާޓީގަ މި ހިނގައިދިޔަ ކޯޅުންގަނޑުގެ ތެރޭގައި، އެ ކޯޅުންގަނޑު ހައްލު ނުވީމަ އެ ކޯޅުންގަނޑު ފުރޮޅިގެން ދިޔަ ހިސާބަކީ މިއީ" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ "އޭގެ ނަތީޖާއަކަށްވީ އަޅުގަނޑުމެންގެ ޕާޓީގެ އޭރު ވަކިކޮށްފަ ހުރި އެންމެ ފުރަތަމަ ރައީސް މައުމޫން ވެސް ހައްޔަރުވެގެންދިޔުން. އަޅުގަނޑެއް ނޫން ހައްޔަރުކުރީކީ. ޝަރީއަތުން ހުކުމް ކުރީ،" ކަމަށެވެ.
ރައީސް ޔާމީން މިހެން ވިދާޅުވިއިރު، މިދިޔަ ޖުލައި މަހުގެ ތެރޭގައި ހަނިމާދޫގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫނު ހައްޔަރުކުރީ އެމަނިކުފާނު އޭރު ގެންގުޅުއްވި ފޯނު ނުދެއްވުމުން ކަމަށެވެ. އަދި އެކަން ކުރެއްވީ ރައީސް ޔާމީން ކަމަށް ދޭހަވާ ގޮތަށް އެދުވަހު ވަނީ ވާހަކަ ދައްކަވާފައެވެ.
ރައީސް ޔާމީން އަމިއްލަފުޅަށް ބައެއް ތަންތާގައި ދައްކަވާ ވާހަކަފުޅުތަކުގައި ކޯޓުތަކުން ކުރައްވާ ހުކުމަތަކަކީ އެމަނިކުފާނު އެދިވަޑައިގެންނެވުމުން ކުރައްވާ ހުކުމްތަކެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވައެވެ. އެގޮތުން ޕީޕީއެމަށް 2013 ވަނަ އަހަރު ވެރިކަން ލިބިގެން ދިޔައީވެސް ކޯޓުން ކުރެއްވި ހުކުމްތަކެއްގެ ސަބަބުން ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރަށް ސްޕްރީމް ކޯޓުން ފެބުރުއަރީ މަހުގަ ނެރުނު ހުކުމާއި ގުޅިގެން ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ހުކުމަކީ އެމްޑީޕީއަށާއި އިދިކޮޅަށް ފޭވާކޮށް ނެރެދީފައިވާ ހުކުމެއް ކަމަށާއި، އެފަދަ ހުކުމެއް ގަބޫލު ނުކުރެއްވޭނެ ކަމަށެވެ. އަދި ކުއްލި ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ނަގަން ޖެހުނު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ