ވެރިންނަށް މަރުހަބާ ދަންނަވަން ސްކޫލް ދަރިވަރުން ނުނެރުމަށް އެދެފި

ސަރުކާރުގެ ވެރިންނަށް އިއްޒަތްތެރިންނަށް މަރުހަބާ ދެންނެވުމަށް ސްކޫލް ކުދިން ބައިވެރި ނުކުރުމަށް ހުރިހާ ސްކޫލަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެދިވަޑައިގެންފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ސޮއިކުރައްވާ ސަރުކާރު ހުރިހާ ސްކޫލަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ސަރުކާރުގެ އިސްވެރިންނާއި އިއްޒަތްތެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ދެންނެވުމަށް، ދަރިވަރުން ގިނަވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް ތަފާތު އުދަނގޫ ކުރިމަތިވާނެ ކަމެއް ކަމަށެވެ.
އެހެންކަމުން އެކަމަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ވަގުތުތަކެއް ވެސް ގެއްލިގެންދާ ކަމަކަށްވާތީ، އެގޮތަށް ދަރިވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ އެކަން އެގޮތަށް ނުކުރުމަށް އަންގައިފައިވެއެވެ.
ސްކޫލްތަކުގެ ވެރިިންގެ ކިބައިން އެޑިއުކޭޝަން މިނިސްޓަރު އެގޮތަށް އެދިވަޑައިގެންފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެރަށެއްގެ ސްކޫލް ދަރިވަރިން ޔުނީފޯމްގައި އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނެރެދިނުމަށް އެންގުމުން، އެކަމަށް މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ކ. ދިއްފުއްޓަށް މިފަހުން ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެރަށު ސްކޫލް ދަރިވަރުންތަކެއް ރަސްމީ ޔުނީފޯމްގައި ނެރުމުން، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި ކުރީ ސަރުކާރުގެ ބޭބޭފުޅުން ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ