ޗެންނާއީ އަށް ކަރަންޓުގެ ޚިދުމަތް ލިބެން ފަށައިފި

އިންޑިއާގެ ޗެންނާއީ އަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން އެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި އޮތުމަށްފަހު އަލުން ޚިދުމަތް ލިބެންފަށައިފިއެވެ.
ވިއްސާރައިގެ ސަބަބުން އެ ހިސާބުގަނޑުގައި ފެން ވޮޑުވެ، އެތައްބަޔަކު ހާލުގައި ޖެހިފައިވާއިރު، މި ވިއްސާރައިގެ ސަބަބުން މިހާތަނަށް 269 މީހުން ވަނީ މަރުވެފައެވެ.
މިސަރައްދުގައި ދިރިއުޅޭ މީހުންނާއި ހަވަލާދީ ބީބީސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމީހުންގެ ދިރިއުޅުން އަލުން ކޮޅަށްޖެހުމަށް ސަރުކާރުގެ މާލީ އެހީ ވަރަށް ބޮޑަށް ބޭނުންވެއެވެ. ފާއިތުވި 100 އަހަރު ތެރޭގައިވެސް އެސަރަހައްދަށް އެންމެ ގިނަ މިންވަރަކަށް ވާރޭވެހިފައިވަނީ ފާއިތުވި ދެތިން ދުވަހު ތެރޭގައި ކަމަށް ރިކޯޑްތަކުން ދައްކާއިރު، ޗެންނާއީގެ ގިނަ ސަރަހައްދުތައް ވަނީ ފެނު އަޑީގައެެވެ.
ވިއްސާރައިގެ ސަބަބުން އެއަރޕޯޓްގެ ދަތުރުތައްވެސް މަޑުޖައްސާލާފައިވާއިރު، ރެއިލް ވޭ ތައްވެސް ވަނީ ދަތުރު ނުކުރެވޭ ވަރަށް ވިއްސާރަވުމުން ބަންދުކޮށްފައެވެ. މިތަންތަނުގެ މަސައްކަތް މިއަދު ފެށޭނެކަމަށް މީގެކުރިން ވަނީ ލަފާކޮށްފައެވެ.
ވިއްސާރާގައި ހާލުގައި ޖެހިފައިތިބި މީހުންގެ ތެރެއިން 7000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދެވިފައިވާއިރު، އެތައްހާސް ގެއެއް ފެނުއަޑީގައި ވާކަމަށް ރިޕޯޓްތައް ބުނެއެވެ. ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
ޗެންނާއީއަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 150 މިލިއަން ޑޮލަރު ދޭނެކަމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ވައުދުވެ ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ