2012 އިން 2018 އަށް ދަރަނި އިންތިހާއަށް ބޮޑު: ރައީސް ނަޝީދު

2012 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެެމެދުގަ ދައުލަތް އިންތިހާއަށް ދަރަނިވެރިވެފައިވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ 2012 އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދެމެދުގެ އަހަރުތަކުގައި ސަރުކާރުގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.
އެ ދަރަނި އަނބުރާ ދައްކަން ޖެހިފައިވާ ކަމަށާއި މިކަމަކީ މަޖިލީހުގެ ހުރިހާ މެމްބަރުން ޝައުގުވެރިކަމާއެކު އަދި ބެލުންތެރިކަމާއެކު ކުރިއަށް ގެންދާނެ މަސައްކަތެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެ ރިޕޯޓެއް މަޖިލީހަށް ފޮނުވައިފައިވާ ކަމަށާއި އޭގެތެރޭގައި ގެރެންޓީތަކާއި ގުޅޭ ރިޕޯޓަކާއި އާންމު ދަރަންޏާގުޅޭ ރިޕޯޓެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ދެ ރިޕޯޓުގައި ފާހަގަވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އެގޮތުން ދައުލަތުން ގެރެންޓީދީފައިވާ ލޯނުގެދަށުން ހިންގޭ މަޝްރޫޢުތަކުގައި ފިނޭންސް މިނިސްޓްރީގެ އައުޓްސްޓޭންޑިން ބެލެންސްއާއި ފައިނޭންސިން ފަރާތްތަކުގެ އައުޓްސްޓޭންޑިން ބެލެންސްގައި ފަރަގު ހުރުމުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބެލެންސްގެ ގޮތުގައި ސަތޭކަ ފަސްދޮޅަސް ހަތަރު މިލިއަން ފަސްލައްކަ ފަސްދޮޅަސް ހަތަރުހާސް އަށްޑިހަ ތިން ރުފިޔާއަކީ ސައްހަ އަދަދެއް ކަމަށް ކަށަވަރުވެފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ދައުލަތުގެ އެކިއެކި އިދާރާތަކުން ދަރަންޏާ ގުޅޭގޮތުން ފާހަގަކުރެވިފައި ހުންނަ ކަންކަމުގައި ތަފާތުވާނަމަ ބައިނަލްއަގްވާމީ އިދާރާތަކުން އެކަން ފާހަގަކުރާނެ ކަމަށާއި އެހެންކަމުން މިމަސައްކަތް ސަރުކާރާއެކުގަ ކުރުމަކީ މަޖިލީހުގެ މަސްއޫލިއްޔަތަކަށް ވާނެ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ދަރަނީ ހަތް ބަޔަކަށް ބެހިގެންވާ ކަމަށާއި އެގޮތުން ދޭދޭ ގައުމުތަކުން ނަގާ ދަރަންޏާއި ބައިނަލްއަގްވާމީ ޖައްމިއްޔާތަކުން ނަގާ ދަރަންޏާއި ޓްރެޝަރީ ބިލްގެ ގޮތުގައި ނަގާ ދަރަނީގެ އިތުރަށް ގެރެންޓީގެ ގޮތުގައި ނަގާ ދަރަންޏާއި ނުދައްކާ ހުންނަ ބިލްގެ ގޮތުގައިވާ ދަރަނި އަދި އޯވަޑްރާފްޓްގެ ގޮތުގައި ނަގާ ދަރަންޏާއި ސަރުކާރުގެ ބޮންޑުގެގޮތުގައި ނަގާ ދަރަނި ހިމެނޭ ކަމަށް މޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއިން ކޮންމެ ބާވަތެއްގެ ދަރަނީގެ މިންވަރާއި ކުރިއަށް އޮތް ތިންއަހަރުގެ ދަރަނި ދެއްކުމުގައި ހޭދަކުރަންޖެހޭ މިންވަރުގެ އަންދާޒާއެއް ހޯދޭނެ ކަމަށާއި މިމަސައްކަތަކީ ދައުލަތުގެ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުރިއަށްދިއުމަކީ އެންމެ ބުއްދިވެރިގޮތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ