ބަޖެޓް ކަމުނުދަނީ ވެރިކަން ވައްޓާ ނުލެވިގެން އުޅޭ މީހުންނަށް: ގާސިމް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ކަމުނުގޮސްގެން އުޅެނީ މި ސަރުކާރު ވައްޓާ ނުލެވިގެން އުޅޭ މީހުންނަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް "ރާއްޖެއެމްވީ" އަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ރަނގަޅު ބަޖެޓެއް ކަމަށާއި ބަޖެޓް އަދިވެސް ކުޑައީ ކަމަށެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަށް ހުށަހެޅީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ގާސިމް ވިދާޅުވީ ދަރަނި ބޮޑު ބަޖެޓަކަށް މި ބަޖެޓްވީ ނަމަވެސް އެއީ މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ވެފައިވާ ދަރަނި ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މި ބަޖެޓް ކަމުނުގޮސްގެން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓާ ނުލެވިގެން އުޅޭ މީހުންނަށް ކަމަށާއި މަޖިލީހުން ބަޖެޓް ތާށި ކުރުމުން ރައްޔިތުންނަށް ބަނޑަށް ޖެހޭނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އެހެންކަމުން ބޭރުން ނަގާފައިވާ ލޯނުތައް ދައްކަން ޖެހޭ މުއްދަތު އިތުރު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް މަޖިލީހުގެ އެހީތެރިކަން ދޭން ޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި ވަކި ގައުމަކާއި ނުޖެހި، ހުރިހާ އެންމެންނާ ގުޅިގެން ކުރިއަށްދާން ޖެހޭކަން ގާސިމް ފާހަގަކުރައްވާފައެވެ.
މި ބަޖެޓަށް އިދިކޮޅު ފަރާތްތަކުގެ އިތުރުން އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ. ބަޖެޓަށް ބަހުސް ކުރުމުގެ މަރުހަލާ ރޭ ވަނީ ނިންމާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ