ކާޑުގެ ބާވަތްތަކާއި ކަރަންޓު އަގު ބޮޑުވުމުން އެމްޑީޕީން އެކަން ކުށްވެރި ކޮށްފި

ކާޑުގެ ބާވަތްތައް އަގުބޮޑުވުމުންނާއި ކަރަންޓު އަގު ބޮޑުވުމުން އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީ އިން އެ ކަންކަން ކުށްވެރި ކޮށްފި އެވެ.
އެކަންކަން ކުށްވެރިކޮށް އެމްޑީޕީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން ކުއްލިގޮތަކަށް ކާޑުގެ ބާވަތްތައްކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށުގެ އަގުން ސަތޭކަ ޕަރސެންޓް ރެއިން ފެށިގެން ބޮޑުކޮށްފައިވާތީއާއި އަދި ހަމަ މިދަނޑިވަޅުގައި ކަރަންޓުގެ އަގު ބޮޑުކޮށްފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަން އިންތިހާއަށް ކުށްވެރިކުރާ ކަމަށެވެ.
“ހަނޑޫ، ހަކުރު އަދި ފުށުގެ އަގުން ކުއްލިގޮތަކަށް ސަތޭކަ ޕަރސެންޓް ބޮޑުކުރުމުން، މީގެ ކުރިން 3.98 ރުފިޔާއަށް ވިއްކަމުންދިއަ ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96 ރުފިޔާއަށް، އަދި 4 ރުފިޔާއަށް ކުރިން ވިއްކަމުންދިއަ ހަކުރު ކިލޯއެއް ދެން ލިބޭނީ 8 ރުފިޔާއަށް، ފުށްކިލޯއެއްގެ އަގު މީގެކުރިން 2.96 ރުފިޔާއަށް ހުރިއިރު މިހާރު ފުށްކިލޯއެއް ގަންނަން ލިބޭނެ އަގު 5.96 ރުފިޔާއަށް އަރާނެ، މިއީ ވޭތުވެދިއަ 40 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ކާޑުގެ އަގު ކުއްލިއަކަށް ބޮޑުނުވާ މިންވަރަށް ބޮޑުވެގެންދިއަ ދިއުމެއްކަން ކަންބޮޑުވުމާއެކު ފާހަގަކުރަން” އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ކާޑުގެ ބާވަތްތަކުގެ އަގުން ސަތޭކަ ޕަރސެންޓް ބޮޑުކޮށްފައިވާއިރު، ހަމަ މިދަނޑިވަޅުގައި އާންމު ރައްޔިތުން ދައްކަންޖެހޭ ކަރަންޓް ބިލުގެ ފިއުލް ސާރޗާޖް ސަރުކާރުން ބޮޑުކޮށް، ކަރަންޓް ބިލު ބޮޑުކޮށްފައިވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި މިކަން މިހެން އޮތް އިރު، މަސްވެރިން ބާނާ މަހަށް ފައިސާ ނުދެއްކި މަސްވެރިން ބިކަހާލުގައި ޖައްސައި، އަދި ދައުލަތުގެ މަސް ކުންފުނި، މިފުކޯ، 300 މިލިއަން ރުފިޔާއިން ދަރަނިވެރިވެ، އެހެން ކުންފުންޔެއްގެ ދަށަށް މިފުކޯ ގެނެސްފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށެވެ.
“ރައްޔިތުންގެ ޙާލަތު ދަށަށް ގެނބިގެން މިދާ ދަނޑިވަޅުގައި، ޅަފަތުގައިވާ ގެސްޓް ހައުސް ވިޔަފާރިތަކުން ވެސް ރެއިން ފެށިގެން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ދުވާލަކު 3 އެމެރިކާ ޑޮލަރުގެ މަގުން ގްރީން ޓެކްސްގެ ނަމުގައި ފައިސާ ނަގަން ފަށާފައިވޭ، ގްރީން ޓެކްސްގެ ނަމުގައި ގެސްޓް ހައުސްތަކުން މި ފައިސާ ނެގި ނަމަވެސް މިފައިސާ ޚަރަދުކުރެވެނީ ތިމާވެއްޓަށް ކަންވެސް އެނގެން ނެތް” އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކާޑުގެ ބާވަތްތަކުގެ އަގުތައް ކުއްލިއަކަށް ސަތޭކަ ޕަސެންޓުން ބޮޑުކުރުމާއި ކަރަންޓުގެ އަގުބޮޑުކުރުން ފަދަ ރައްޔިތުން ނިކަމެތިވެ ބިކަޙާލުގައި ޖެހޭ ބޮޑެތި ކަންކަން ސަރުކާރުން ކުއްލިއަކަށް ނިންމަމުންދަނީ ދައުލަތުގެ އެންމެ އިސް ވެރިޔާކަމުގައި ވިޔަސް އަދި ވަޒީރަކު ކަމުގައި ވިޔަސް ރައްޔިތުންގެ ކުރިމައްޗަށް ނިކުމެވަޑައިގަތުމެއްނެތި ފިއްލަވައިގެން ތިއްބަވައިގެންކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށެވެ.
އަދި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމެއް ނެތި، އަދި ރައްޔިތުންގެ ޖީބަށް ފައިސާ ފޮއްޗެއް އިތުރުވާނެ އެއްވެސް ގޮތެއް ނެތި، އަދި ދައުލަތުގެ މާލިއްޔަތުން އެތައް ބިލިޔަން ރުފިޔާއަކުން ދައުލަތުގެ ވެރިން ބޮޑެތި ވައްކަންކޮށް ރައްޔިތުން ބިކަޙާލުގައި ޖެހެމުންދާ ދިއުމުން އެނގެނީ މިއީ ފޭލުވަމުންދާ ދައުލަތެއްކަން ކަމަށައި އަދި މި ކަމުގެ ފުރިހަމަ ޒިންމާ ރައީސް ޢަބްދުﷲ ޔާމިން ނަންގަވަންޖެހޭނެއެވެ. އަދި ރައްޔިތުންނާއި މި ދައުލަތް ސަލާމަތްކުރެވެން އޮތް ހަމަ އެކަނި ގޮތަކީ ރައީސް ޢަބްދުﷲ ޔާމިން ވެރިކަމުން ދުރުކުރުމުން ކަމުގައިވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ