ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާންމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، ފ. ނިލަންދޫ ބީއެމްއެލް ބްރާންޗްގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމްގެ މައްޗަށް ހުކުމް އިއްވުމަށް މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
މިއަދު 11:30 އަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރި ސަބަބާ ގުޅޭ ގޮތުން ކުރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދަށް ތާވަލުކޮށްފައިވާ ގާސިމްގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ މައްސަލަ ބައްލަވާ ގާޒީ ޗުއްޓީއަށް ވަޑައިގަންނަވާފައިވާތީ ކަމަށެވެ. އަލުން އަޑުއެހުން ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ޕީޖީގެ އެދުމުގެ މަތިން ސިއްރު ކޮށްގެންނެވެ. އެހެންކަމުން މައްސަލާގެ ތަފްސީލެއް ލިބިފައެއް ނުވެ އެވެ.
ގާސިމް އަބްދުލް ކަރީމްގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ހުއްދަނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރުމުގެ ދައުވާ އެވެ.
މިދިޔަ ފެބުރުއަރީ މަހު ބީއެމްއެލްއިން ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކުރީ، ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހުއްދަ ނެތި އާންމުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ބެންކުގެ މުވައްޒަފަކު ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ކޮރަޕްޝަން އާ ގުޅުން ހުރި އެކައުންޓެއްގެ މައުލޫމާތު ލީކު ކުރި މައްސަލާގަ އެވެ. އެއީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެންމެ ބޮޑަށް ބައިވެރިވާ އެސްއޯއެފް ކުންފުނީގެ ބޭންކް އެކައުންޓްގެ މައުލޫމާތުތައް ކަމަށްވެ އެވެ.
ގާޒީ ޗުއްޓީގައި ހުންނެވުމުން ގާސިމަށް ހުކުމްކުރުން ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ