ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކޮންމެ އަހަރަކު މަސްވެރިކަމަށް 100 ދޯނި ނެރެދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ކޮންމެ އަންގާރަ ދުވަހެއްގެ ރޭ ބާއްވާ ހަފްތާ ބައްދަލުވުމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ސަރުކާރުން ޚަރަދުކޮށްގެން 100 ދޯނި ބަނދެ ކޮންމެ އަހަރަކު މަސްވެރި ކަމަށް ނެރޭނެ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ކަމަށެވެ.
"މިކަމަށް ކޮންމެ އަހަރަކަށް ބޭނުން ވަނީ 25 މިލިއަން ޑޮލަރު. ފަސް އަހަރަށް ބޭނުންވަނީ 100 މިލިއަން ޑޮލަރު. މިކަމަށް ފައިސާ ލިބޭނެ. ބޭރުގެ ފަރާތްތަކުން ވެސް އެހީވާނެ،" ޤާސިމް ވިދާޅުވިއެވެ. "މަސްވެރި ކަމަށް ނެރޭ ކޮންމެ 100 ދޯންޏަކުން އަހަރަކު މި އޮންނަ 365 ދުވަހުގެ ތެރެއިން 220 ދުވަހު މަހަށް ނިކުމެ ދޯންޏަކުން މަސްޓަނެއް 2،000 ޑޮލަރަށް ވިއްކާލި ނަމަވެސް 100 ދޯނިން އަހަރަކު 44 މިލިއަން ޑޮލަރު ލިބޭނެ. އެ އަދަދު ފަސް އަހަރަށް ގުނަ ކުރުމުން 220 މިލިއަން ޑޮލަރު ލިބޭނެ."
ޤާސިމް ވިދާޅުވީ މަސްވެރި ކަމަށް އިންވެސްޓްކޮށްގެން ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ. އަދި މަސްވެރިކަމަކީ ދެރަ މަސައްކަތެއް ކަމުގައި ނުދެކުމަށް ވެސް އޭނާ ވަނީ ދިވެހި ރައްޔިތުންނަށް ގޮވާލާފަ އެވެ.
މަސްވެރިންނަށް އުއްމީދުތަކެއް ދެއްވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުން މަސްވެރިންނަށް އިހްމާލުވެ މިސިނާއަތް ތަރައްޤީ ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ.
މަސް އުޅޭ ސަރަހައްދުތައް އަންގައި ދިނުމަށް ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުގައި ބޮއި އަޅަން ފެށި ނަމަވެސް ފަހަކަށް އައިސް އެ ޕްރޮގްރާމް އެކަށީގެންވާ ގޮތަކަށް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށް ޤާސިމް ވިދާޅުވި އެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގައި އަހަރަކު ތިން ބޮއި އަޅައި ދޭނެ ކަމަށާއި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މިފަދަ ވާހަކަ ދެއްކީމާ ވިދާޅުވާނެ ކިހިނެއްހޭ އެ ކަން ކުރަނީ. އަޅުގަނޑަށް އިނގޭ އެކަން ކުރާނެ ގޮތް. އެކަން ކުރެވޭނީ އެ ވިސްނުން ހުރި ބަޔަކަށް. އަޅުގަނޑަށް ޔަޤީން ބޮއިއެއް އަޅަން 125،000 ރުފިޔާ އަށް ވުރެ ބޮޑު އެއްޗެއް ނުދާނެ ކަން،" ޤާސިމް ވިދާޅުވި އެވެ.
ޖޭޕީގެ ވެރިކަމެއްގައި އަހަރަކު 100 މަސް ދޯނި ނެރެ ދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ