"80 ޕަސެންޓް ގޭބިސީގެ ކަރަންޓް ބިލް ބޮޑެއް ނުވޭ"

ކަރަންޓް ސަބްސިޑީއަށް ގެނައި ބަދަލުގެ ސަބަބުން އާބާދީގެ 80 ޕަސެންޓް މީހުންގެ ބިލަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާއި ސަބްސިޑީއަށް ގެނެވުނު ބަދަލުތަކުގެ ހެޔޮ އަސަރު މިހާރު ކުރަމުން އަންނަ ކަމަށް އިކޮނޮމިކް ކައުންސިލްގެ ޗެއާ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު މިއަދު ވިދާޅުވެއްޖެ އެވެ.
ބަޖެޓް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޒުހޫރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އެޅުވުމަށް ޓަކައި ސަބްސިޑީ ދިނުމުގެ ކަންކަމަކީ ކޮންމެ ސަރުކާރަކުން ވެސް ހަމަޔަކަށް އަޅުވަން މަސައްކަތް ކުރި ކަންކަން ކަމަށާއި މި ސަރުކާރަކީ އެފަދަ އުނދަގޫ ފިޔަވަޅުތައް ތަންފީޒު ކުރާ ބަޔަކު ކަމަށެވެ.
ކަރަންޓްގެ ސަބްސިޑީގެ މައްސަލައިގައި ސަރުކާރަށް ފާޑި ކިޔުންތައް އަމާުޒުވާކަން ފާހަގަ ކުރައްވައި ޒުހޫރު ވިދާޅުވި ގޮތުގައި އިކޮނޮމިކް ކައުންސިލުން ހެދި ދިރާސާތަކުން ކަރަންޓް ސަބްސިޑީއަށް ގެނައި ބަދަލުގެ ސަބަބުން ބިލްތައް ބޮޑުވެފައި ވަނީ ރާއްޖޭގެ ގޭބިސީތަކުގެ 10 ޕަސެންޓްގެ އެވެ. އަދި އަނެއް 10 ޕަސެންޓް ގޭބިސީތަކުގެ ކަރަންޓް ބިލު ކުޑަވެގެން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މުޅި ރާއްޖޭގެ 80 ޕަސެންޓް ގޭގެ ކަރަންޓް ބިލަށް މި ސަބްސިޑީގެ ސަބަބުން ބަދަލެއް އައިސްފައެއް ނެތް. އަޅުގަނޑުމެން މި ކަންކަން މި ކުރަނީ ވަރަށް ބޮޑަށް ބަލާފައި ދިރާސާތަކެއް ކޮށް ހިސާބުތަކެއް ޖަހައިގެން. އިގްތިސާދު ފުޅާވެ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭ ގޮތަށް،" ޒުހޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓް ބިލްތަކަށް ދެމުން އައި ސަބްސިޑީއަށް ސަރުކާރުން ބަދަލު ގެނައީ ތެލުގެ އަގާއި އެހެން ވެސް ގޮތްގޮތުން ކަރަންޓް ފޯރުކޮށް ދިނުމަށް ހިނގާ ހަރަދުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްގެން ކަމަށެވެ. އޭގެ ސަބަބުން ކަރަންޓް ދިނުމަށް ކުރަން ޖެހޭ ހޭދަ ދަށްވެ، ކުންފުނިތަކަށް ވެސް ހެޔޮ އަގުގައި ކަރަންޓްގެ ހިދުމަތް ދެވޭނެ ކަމަށް ޒުހޫރު ވިދާޅުވި އެވެ.
ސަރުކާރުން މިއަހަރުގެ ތެރޭގައި ވަނީ ފިއުލް ސާޗާޖް ބިލްތަކުން އުނިކޮށް ބައެއް ކަރަންޓް ޔުނިޓްތަކުން ނަގާ އަގުވެސް ކުޑަކޮށްފަ އެވެ. އަދި ހުރިހާ ގޭބިސީއަކަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި އެކަމަށް އެދި އެންސްޕާއަށް ހުށަހަޅާ ފަރާތްތަކަށް ސަބްސިޑީ ދޭން ނިންމި އެވެ. އެ ބަދަލާ ގުޅިގެން ކަރަންޓްގެ އަގު ބޮޑު ކުރި ކަމަށް ބުނެ ސަރުކާރަށް ބައެއް ފަރާތްތަކުން ފާޑުކިޔެ އެވެ.
ޒުހޫރު ވިދާޅުވީ އިގްތިސާދީ ކޮމިޓީގެ މަސައްކަތަކަށް ވަނީ ތަހުޒީބީ އިގްތިސާދެއްގައި ހުންނަން ޖެހޭ ސިފަތައް ރާއްޖޭގައި އިގްތިސާދުގައި ވެސް ގާއިމް ކުރުން ކަމަށެވެ. އެގޮތުން މިނިސްޓަރު ވިދާޅުވި ގޮތުގައި މުޅި އިގްތިސާދު ސަބްސިޑީތަކަށް ބަރޯސާވުމަށް ވުރެ ބޮޑަށް ފުދުންތެރި އިގްތިސާދެއް އުފެއްދުމުގެ ސިޔާސަތުތަކަކަށް އިގްތިސާދީ ކޮމިޓީ އިން ދަނީ މަސައްކަތް ކުރަމުންނެވެ. އޭނާ ވިދާޅުވީ ކާޑްގެ ބާވަތްތަކުގެ ސަބްސިޑީ ކުރިން ދިންވަރު ކުޑަކޮށް ހަމައެކަނި ބޭނުންވާ ފަރާތްތަކަށް ދިނީ ވެސް އެ އުސޫލުގެ ތެރެއިންނެވެ.
"ތިބޭފުޅުން ބައްލަވާ ބަނދަރު، ބޯފެން މަގުހެދުން މިހެން ގޮސް ކޮންމެ ކަމެއް ކުރިޔަސް އެ ހުރިހާ ކަމެއް މިދަނީ ހަމަ ސަބްސިޑީގެ ގޮތުގައި. އެތަންތަނުގެ ހިދުމަތުން ނޯވޭ ފީއެއް ނެގޭކަށް. އެކަމަކު ތިބޭފުޅުން އެބަ ބޭނުންވޭ ހުރިހާ ރަށެއްގައި ވެސް ތަރައްގީގެ ކަންކަން ހުންނަން. އެކަންކަން ކުރެވޭނީ ފައިސާ ލިބިގެން. އެ ފައިސާ ހޯދަން އެބަ ޖެހޭ ހުރިހާ އެއްޗެއް ހިލޭވާ ނިޒާމުން ދުރުވާން،" ޒުހޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ބަލަނީ ރިކަރަންޓް ހަރަދުތައް ކުޑަކޮށް އަދި ސަބްސިޑީތައް އުނިކޮށްގެން ލިބޭ ފައިސާއިން ކުރިއަށް އޮތް އަހަރު އަތޮޅުތަކުގައި ވީހާ ވެސް ގިނަ މެގަ މަޝްރޫއުތަކެއް ހިންގުމަށެވެ. އެ ނޫން ގޮތަކަށް ގިނަ މަޝްރޫއުތައް އަތޮޅުތަކުގައި ހިންގުން އުނދަގޫ ކަމަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
"މި ހަގީގަތް އެބަ ޖެހޭ ތިޔަ އިއްޒަތްތެރި މެންބަރުން ވެސް ގަބޫލު ކުރަން،" ޒުހޫރު ވިދާޅުވި އެވެ.
މިއަހަރުގެ ބަޖެޓްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް، ޕީއެސްއައިޕީއަށް 8.9 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެއީ ޖުމްލަ ބަޖެޓްގެ 29.8 ޕަސެންޓެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި 16 މެގަ ޕްރޮޖެކްޓެއް ސަރުކާރުން ހިންގާނެ އެވެ. މިއަހަރުގެ ރިކަރަންޓް ހަރަދަށް 15.3 ބިލިއަން ރުފިޔާއަށް އެރި ނަމަވެސް އަންނަ އަހަރު، އެ ހަރަދުތަކުން 1.7 ބިލިއަން ރުފިޔާ އުނިކޮށް 11.4 ޕަސެންޓް ވަނީ ދަށްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ