ޑރ ޖަމީލު ރައީސް ޔާމީން އަރިހުގައި ކުރައްވަނީ އަމިއްލަ މަސައްކަތް، އެއީ ދެކޮޅު ހަދަންޖެހޭ ކަމެއްނޫން: ގާސިމް

ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަރިހުގައި މަސައްކަތް ކުރައްވަނީ ވަކީލެއްގެ ހައިސިއްޔަތުން ކަމަށާއި، އެއީ އެއްވެސް ހާލަތެއްގައި ދެކޮޅުހަދާ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރޭ ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޑރ ޖަމީލު ކުރައްވާ މަސައްކަތަކީ އެމަނިކުފާނުގެ " ޕްރޮފެޝަން" ގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތް ކަމަށެވެ. އަދި އެ ކަމަކީ މަރުހަބާ ދަންނަވަން ޖެހޭ ކަމެއްކަމަށެވެ.
"ތަޖުރިބާ ހުރި ވިސްނުންތެރި ލޯޔަރެއްގެ ހައިސިއްޔަތުން ޑރ ޖަމީލު އެކުރައްވާ މަސައްކަތްތަކަކީ އަޅުގަނޑުމެންވެސް އެމަނިކުފާނަށް މަރުހަބާ ކިޔަންޖެހޭ ވަރުގެކަމެއް. އެއްގޮތަކަށްވެސް އަޅުގަނޑުމެއް ދެކޮޅު ހަދާ ކަމެއްނޫން. އެހެންވީމާ އެމަނިކުފާނުގެ ޕްރޮފެޝަންގަ އެމަނިކުފާނު ކުރައްވާ މަސައްކަތްތަކަކީ އެއީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ވަކިފަރާތަކަށް ޖެހުމެެއް ނޫން." ގާސިމް ވިދާޅުވިއެވެ.
ރޭ ހަފުލާގައި އިތުރަށް ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވަނީ ކޯލިޝަން ސަރުކާރެއްގައި މަސައްކަތް ކުރައްވަމުންދާތާ އެއްއަހަރު ވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާއާއި ޝުކުރު ދަންނަވާފައެވެ. އަދި ނިމިދިޔަ ދެސަރުކާރުވެސް ވެރިކަމަށް އައީ ޖުމްހޫރީ ޕާޓީއާއި އެކު ކޯލިޝަން ހަދައިގެން ކަމަށާއި، އެހެން ނަމަވެސް މަދު ދުވަސް ކޮޅެއްގެ ތެރޭގައި ކޯލިޝަން ރޫޅި ދުރަށްދާން ޖެހުނު ކަމަށް ގާސިމް ވިދާޅުވިއެވެ. ރައީސް ސޯލިހުގެ މި ސަރުކާރުން ކޯލިޝަން ދެމެހެއްޓުމަށް ޓަކައި ކުރައްވާ މަސައްކަތަށް ގާސިމް އިބްރާހިމް ވަނީ ޝުކުރު ދަންނަވާފައެވެ.
"އަޅުގަނޑުމެން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އިހްލާސްތެރިކަމާއެކު ޝުކުރާއި މަރުހަބާ ދަންނަވަން. މި ކޯލިޝަން ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމަށް އަދި ދިވެހި ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކީ ކަންތައް ކުރެއްވުމުގައި މާތް ވިސްނުން އެމަނިކުފާނު ގެންގުޅުއްވާތީ އެކަމަށްޓަކައި އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. އަޅުގަނޑު މިހެން ދަންނަވާއިރު ތިޔަ ބޭފުޅުން ޔަގީންކުރައްވާ! ތަފާތުކޮށް އެކި މީހުންނަށް އެކި ގޮތްހަދައި، މީހުންނަށް އަނިޔާވެރިވާން ފަށައިފިއްޔާ އަޅުގަނޑުގެ އަނގައިން މި ބަސް ނުނިކުންނާނެ. މި ބަސް ބަދަލުވެގެންދާނެ. އެއީ ކޮންމެހެން އަޅުގަނޑު އެޑްވާންސްކޮށް ދައްކަންޖެހޭ ވާހަކައެއް ނޫން." ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ