އެއް ޕާޓީއަކަށް ވެރިކަން ދިނުމަށް ރައްޔިތުން ނޭދޭ: ގާސިމް

ސަރުކާރެއް އެކުލަވާލުމަށް އެއް ޕާޓީއަކަށް ފުރުސަތު ދޭން ރައްޔިތުން ބޭނުން ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އދ. މާމިގިލީގައި ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުތަކަށް ބަލާއިރު އެއް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލެވޭ ވަރަށް ވޯޓު ލިބިފައި ނުވާ ކަމަށެވެ.
އެގޮތަށް އެކަން ކުރިމަތިވަނީ އެއް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ރައްޔިތުން ވޯޓު ދޭން ބޭނުން ނުވާތީ ކަމަށްވެސް ގާސިމް ވަނީ ފާހަގަކުރައްވާފަ އެވެ. ރައްޔިތުން އެގޮތް ބޭނުން ނުވަނީ ސަބަބުތަކެއް ހުރެގެން ކަމަށް ގާސިމް ވިދާޅުވި އެކަމުގެ އެއްވެސް ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.
"އެއް ޕާޓީއަކުން ކުރިމަތިލައިގެން ލިބޭ ކަމަށް ވާނަމަ 2013 ވަނަ އަހަރު ކީއްވެގެންތޯ ރައީސް ނަޝީދު އެމްޑީޕީއަށް ވެރިކަން ނުލިބުނީ. ލިބިވަޑައެއް ނުގަތް ދެއްތޯ. ރައީސް ޔާމީން 28 ޕަސެންޓްގައި އޮވެފައި އަޅުގަނޑުމެން ބައިވެރިވެގެން ދިޔައީމަ 51.5 ޕަސެންޓް ލިބުނީ،" މާމިގިލި ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާތަކަށް ބަލާފައި ޖުމްހޫރީ ޕާޓީއަކީ ގޮތް ނިންމާ ޕާޓީ ކަމަށް މީހުން ބުނާ ކަމަށެވެ. އެކަމަކު އެއީ ފަހުރުވެރިވެ، ބޮޑާވާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އަދި މީގެކުރިން ރިޔާސީ އިންތިހާބުގައި 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު ޖޭޕީ ހިމެނޭ ގޮތަށް ހެދުނު ކޯލިޝަންތަކުގައި ޖޭޕީއަށް ހިތި ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ މިސަރުކާރުގައި ޖޭޕީއާ މެދު އަމަލުކުރަނީ އެންމެ ރުހެވޭ ގޮތަށް ނުވި ކަމަށްވީ ނަމަވެސް ސަރުކާރުގެ ތެރެއިން އެއްބަސްވެފައިވާ ސްލޮޓްތަކަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ދަށުން ތިން ރިޔާސީ އިންތިހާބު ބާއްވާފައިވާއިރު އެ ހުރިހާ އިންތިހާބުތަކެއް ވެސް ކާމިޔާބުކުރީ ޖުމްހޫރީ ޕާޓީ ހިމެނޭ ކޯލިޝަނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ