އަންހެނުން ބާރުވެރިކުރުވަން ޖެހޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ އެއްގޮތަށް ގާނޫނު ހަދައިގެންނެއް ނޫން: ގާސިމް

އަންހެނުން ބާރުވެރިކުރުވަން ޖެހޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ އެއްގޮތަށް ގާނޫނެއް ހަދައިގެން ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ "ރަތްފިޔަ" އިފްތިތާހުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހު ފިޔަވައި އަންހެނުންނަށް ވަކި އަދަދެއްގެ މަގާމު ދޭން ޖެހޭނެ ކަމަށް އެހެން ގާނޫނެއްގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.
"އެއްގޮތަކަށް ވެސް އަޅުގަނޑުމެން އަންހެން ބޭފުޅުން ބާރުވެރިކުރުވަން މި ޖެހެނީ ނުކުޅެދުންތެރިކަން ހުރި މީހުންނާ އެއްގޮތަށް އަޅުގަނޑުމެން ގާނޫނެއް ހަދައިގެން ބާވައޭ އަޅުގަނޑު ހިތަށް އަރަނީ. އިބްރާހިމް މުހައްމަދު ސޯލިހު ކެބިނެޓަށް ހަތް އަންހެން ބޭފުޅުން ވެއްދެވީ ގާނޫނެއް ހަދައިގެންތޯ. ކުރީގައި ގާނޫނު އަސާސީ ނެތް ދުވަހު ވެސް ދިވެހިރާއްޖޭގައި ރަސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ތެރޭގައި އަންހެން ބޭފުޅުން އެބަ ތިއްބެވި. ކޮން ގާނޫނެއް އޮވެގެންތޯ. ކާކު ހަދައިގެންތޯ،" ގާސިމް ވިދާޅުވިއެވެ.
ޖޭޕީގެ "ރަތްފިޔަ" އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ގާސިމްގެ ދެކަނބަލުން -- ވަން ފޮޓޯ/ މުހައްމަދު އައުޒަމް
ލާމަރުކަޒީ ގާނޫނާއެކު ރައްޔިތުންގެ މަޖިލީހުގެ ގާނޫނު ވެސް އެގޮތަށް ބަދަލުނުކުރީ ކީއްވެގެންތޯ ގާސިމް ސުވާލު އުފައްދަވައިފައެވެ. އަދި ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގެ ވާހަކަ ގާސިމް ވަނީ ތަކުރާރުކޮށް ފާހަގަކުރައްވައިފައެވެ.
"ގާނޫނު އަސާސީގެ 17 ވަނަ މާއްދާ، އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގެ (ހ)ގައި މި ބުނަނީ، މި ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްވެސް ގޮތަކުން ތަފާތު ކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މި ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލައަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ، ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުއްދުންތެރިކަމަކަށް، ނުވަތަ ނިސްބަތްވާ އާއިލާއަކަށް، ނުވަތަ އުފަން ރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެއެވެ..،" ގާސިމް އެ މާއްދާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ގާނޫނު އަސާސީގެ (ހ) އަށް ފަހު، އެ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ވާހަކަ ވެސް ވިދާޅުވެފައެވެ.
"މި މާއްދާގެ (ށ)ގައި ބުނެފައިވަނީ، މުޖުތަމައުގެ އާންމު ހާލަތަށް ވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް، ނުވަތަ ބަޔަކަށް، ނުވަތަ އިޖުތިމާއީ، ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބިދޭން ޖެހޭ ބަޔަކަށް އެހީތެރިވެ ދިނުމަށްޓަކައި، ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފަދަ ތަފާތުކުރުމެއް ކަމުގައި ނުވާނެއެވެ،" އޭނާ ފާހަގަކުރެއްވިއެވެ.
އަންހެން ބޭފުޅުން ބާރުވެރިކުރުވާށޭ ކިޔައިގެން މި ކުރެވޭ ކަންތައްތަކުގެ ނަތީޖާއަކީ އެއީ އެބޭފުޅުންނަށް ކުރާ މަލާމާތެއްތޯ ނުވަތަ ޖޯކެއްތޯ ވެސް ގާސިމް ސުވާލު އުފެއްދެވިއެވެ. އަދި ހިތްވަރާއި ހިންމަތާއެކު މަސައްކަތްކޮށްގެން އަންހެނުންނަށް ވެސް ކާމިޔާބު ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ