ޑޮކްޓަރެއް ނެތި ގިނަ ދުވަސްވެފައިވާތީ ރައްޔިތުން ނުކުމެ ލ. މާމެންދޫ ސިއްހީ މަރުކަޒު ބަންދުކޮށްފި އެވެ.
މާމެންދޫ ކައުންސިލްގެ ރައީސް އަލީ ޝިފާޒު މިއަދު ވިދާޅުވީ ރައްޔިތުން ނުކުމެ ސިއްހީ މަރުކަޒު ބަންދު ކުރީ އިއްޔެ ކަމަށާއި ބަންދު ކުރީ ޑޮކްޓަރެއްނެތި ހަތަރު މަސް ވެގެން ކަމަށެވެ. އޭނާ ވިދާޅުވީ ސިއްހީ މަރުކަޒަށް ގެންނަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާ ހެލްތް މިނިސްޓްރީއަށް ކައުންސިލުން ގަރާރެއް ފާސްކޮށް ފޮނުވުމުން ވެސް މިނިސްޓްރީން ޖަވާބެއް ދީފައި ނުވާ ކަމަށެވެ.
"އޭގެ ފަހުންވެސް ޑޮކްޓަރެއް ނެތުމުން ރައްޔިތުންނަށް ދިމާވާ ދަތިތަށް ބަޔާންކޮށް މިނިސްޓްރީއަށް ސިޓީއެއް ފޮނުވިން. ޖަވާބުގައި އެންގީ އެފަދަ މައްސަލަ ތަކުގަ މިހާރު މިނިސްޓްރީއާއި މުއާމަލާތުކުރެވޭނީ ގަން ރީޖަނަލް ހޮސްޕިޓަލް މެދުވެރިކޮށް ކަމަށް،" ޝިފާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަން ރީޖަލަން ހޮސްޕިޓަލަށް ވެސް އެ މައްސަލަ ހުށަހަޅާފައިވާނެ ކަމަށާއި އެ ހޮސްޕިޓަލު މެދުވެރިކޮށް މިނިސްޓްރީއާއި ވާހަކަދެކުނު ނަމަވެސް އަދި މިހާތަނަށް ހައްލެއް ހޯދިފައިނުވާ ކަމަށެވެ. މި ދުވަސްވަރަކީ ވައިރަލް ފީވާފަދަ ބަލިތައް އާންމު ދުވަސްކޮޅަކަށްވެފަ މާމެންދޫގައި ވައިރަލް ހުން އާންމުވެފައިވާއިރު ފަރުވާ ދެވޭނެ ގޮތެއް ނެތުމުން ރައްޔިތުން ވަރަށް ކަންބޮޑުވެފައިވާ ކަމަށް ވެސް އޭނާ މިއަދު ވިދާޅުވި އެވެ.
ސިއްހީ މަރުކަޒު ބަންދު ކުރުމަށްފަހު ރައްޔިތުން ބުނެފައި ވަނީ ޑޮކްޓަރަކު ހަމަނުޖެހެނީސް މަރުކަޒު ނުހުޅުވޭނެ ކަމަށެވެ.
" ބަލިތައް އާންމު ދުވަސްކޮޅެއް މިއީ ސްކޫލުތަކުގެ ޓެސްޓް ފެށިގެން އުޅޭއިރު މެޑިކަލް ސެޓްފިކެޓްވެސް ހެއްދޭނެ ފަދަ ގޮތެއްނެތް ރައްޔިތުން ބުނަމުންދަނީ ޑޮކްޓަރެއް ނެތްކަމަށްވާނަމަ އަށްގަޑިރު އިރުވަންދެން ސިއްހީ މަރުކަޒު ހުޅުވާފަ ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށް. އެހެންވެ ރައްޔިތުން ނުކުމެ އިއްޔެ ބަންދު ކުރީ،" ޝިފާޒު ވިދާޅުވިއެވެ.
ރައްޔިތުން ނުކުމެ މާމެންދޫ ސިއްހީ މަރުކަޒު ބަންދު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ