މި ގައުމުގައި އިންސާފު ލިބޭކަށް ނެތް: މެމްބަރު ނާޒިމް

މި ގައުމުގައި އިންސާފެއް ނުލިބޭ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އިންސާފު ލިބެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ. ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކޮރަޕްޝަނުގެ ދައުވާތައް އޭނާގެ މައްޗަށް ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފު ކޮށްފައިވާތީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނާޒިމް ވަނީ އިންސާފު ލިބިދާނެ ކަމާމެދު ސުވާލު އުފައްދަވާފަ އެވެ. އެ ގޮތުން ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފައިވަނީ އިސްތިއުނާފްގެ މުއްދަތު ހަމަވެފައި ވަނިކޮށްކަން އޭނާ ވަނީ ކޯޓުގައި ފާހަގަ ކުރައްވާފަ އެވެ. ނާޒިމް ވިދާޅުވީ އެ މައްސަލަ ސްޕްރީމް ކޯޓުން މިއަދަށް ތާވަލުކޮށްފައިވަނީ ދިފާއީ ވަކީލަކު ހަމަޖެއްސުމަށް އޭނާ އަށް ދިން ފަސް ދުވަހުގެ މުއްދަތު ކުޑަ ކަމަށް އިބްތިދާއީ ބައްދަލުވުމުގައި ފާހަގަ ކޮށްފައި ވަނިކޮށް ކަމަށެވެ. ވަކީލަކު ހަމަޖެއްސުމަށް އިތުރު މުއްދަތެއް ބޭނުންވާ ކަމަށް ބުނުމުން ކޯޓުން ފަހުން ގޮތެއް އަންގާނެ ކަމަށް ބުނުމަށް ފަހު ފޮނުވީ މައްސަލައަށް ހާޒިރުވާން ޗިޓް ކަމަށް ނާޒިމް ވިދާޅުވި އެވެ. "އަޅުގަނޑު ނުދެކެން، ފަހުން ކޯޓުން ގޮތެއް އަންގަވާނަމޭ ވިދާޅުވުމަށް ފަހު ގޮތެއް އެންގެވުމަކީ ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވުން ކަމަކަށް،" ނާޒިމް ވިދާޅުވި އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ މައްސަލަތައް ފެށުމުގެ ކުރިން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ނާޒިމް ވިދާޅުވީ ވަކީލަކު ބޭނުން ނުވާ ވާހަކަ ކަމަށެވެ. އަދި ނާޒިމަށް މައްސަލަ ފެށުމުގެ ކުރިން ދީފައިވާ ފަސް ދުވަހަކީ އެ ކޯޓުގެ ގަވައިދުގެ ދަށުން ދީފައިވާ ފަސް ދުވަސް ކަމަށް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ ސިޔާސީ މަސްރަހް މިހާރު އޮތް ގޮތުން އޭނާގެ މައްސަލަތަކުގައި ވަކާލާތު ކޮށްދޭނެ ވަކީލަކު ވެސް ނުލިބުނު ކަމަށެވެ. މީގެ ކުރިން އޭނާގެ ވަކީލުންނަށް އުޅުއްވި ޖޭއެސްސީގެ ކުރީގެ މެމްބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އާއި އާދަމް އާސިފް ވަނީ އޭނާ "ދޫކޮށްލާފައި" ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމީހުން މިހާރު އޭނާގެ ވަކީލަކަށް އުޅެން ޖެހިލުންވަނީ ކަމަށެވެ. މިއަދު ސްޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތަށް ފަހު ނާޒިމް ކާރަށް އަރާވަޑައިގަންނަވަނީ--ހަވިރު ފޮޓޯ:މުހައްމަދު ޝަރުހާން ނާޒިމް ވިދާޅުވީ ސަލީމްގެ މައްޗަށް ޕީޖީ އޮފީހުން ޓެރަރިޒަމްގެ ދައުވާކުރުމަށް ފަހު މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށާއި ނަމަވެސް މައްސަލަ ނެގި ކަމުގެ ލިޔުމެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނުދޭތީ ނާޒިމްގެ ވަކީލަކަށް އުޅެން ސަލީމް ޖެހިލުންވާ ކަމަށެވެ. އަދި އޭނާގެ މައްސަލައިގައި ކޯޓަށް ވަޑައިގަތުމަށް މިހާރު ފަސް ޖެހޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އުޅުއްވި އާސިފް ވިދާޅުވި ކަމަށް ވެސް ނާޒިމް ވަނީ ކޯޓުގައި ވިދާޅުވެފަ އެވެ. ވަކީލަކު ހަމަޖެއްސުމަށް ފަސް ދުވަސް މަދު ކަމަށާއި ދަރިކަލުން ގޮވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަން ޖެހިފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް ވަކީލަކު ހަމަޖެއްސުމަށް ނާޒިމަށް ކޯޓުން މިއަދު ދިނީ ފަސް ދުވަހެވެ. ވެރިކަންކުރާ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ، މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމްގެ މައްޗަށް ދައުލަތުން، މަކަރާއި ހީލަތް ހެދުމުގެ ހަތަރު ދައުވާއެއް އުފުލި އެވެ. ނަމަވެސް އެ ހަތަރު މައްސަލައިގައި ވެސް ދަށު ކޯޓުން ނިންމީ، ނާޒިމް ކުރީ ކުށެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އެ ހުކުމްތައް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުންތަކަށް ތާއީދުކޮށްފަ އެވެ. ނާޒިމްގެ މައްޗަށް ދައުވާކުރީ، ބަނދަރު ބައްތިތަކެއް ގަތުމަށް ކުރީގެ އެޓޮލްސް މިނިސްޓްރީން އިއުލާން ކުރުމުން، އޮޅުވާލައިގެން އެސްޓިމޭޓް ހުށަހަޅައިގެން ނާޒިމް އެ ޕްރޮޖެކްޓް ކާމިޔާބުކުރި ކަމަށް ބުނެ އެވެ. އަދި ކުރީގެ އެޓޮލްސް މިނިސްޓްރީ އަށް 15،000 ދިދަ ގަތުމަށް ދެ ފަހަރަކު އިއުލާން ކުރުމުން، އެ ދެ ފަހަރު ވެސް އޮޅުވާލައިގެން އެ ޕްރޮޖެކްޓްތައް ކާމިޔާބުކުރި ކަމަށް ބުނެ ވެސް ދެ ދައުވާއެއް އުފުލި އެވެ. މީގެ އިތުރުން މިސްކިތްތަކަށް ސައުންޑް ސިސްޓަމްތަކެއް ގަތުމަށް އިއުލާން ކުރުމުން، އޮޅުވާލައިގެން ނާޒިމް އެ ޕްރޮޖެކްޓް ވެސް ކާމިޔާބުކުރި ކަމަށް ބުނެ ދައުވާކުރި އެވެ. މި މައްސަލަތަކުގެ އިތުރުން، ނާޒިމްގެ އެހެން މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. އެ ތަހުގީގާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ އޮކްޓޯބަރު 22 ގައި އަމުރުކުރި އެވެ. އެ އަމުރާ އެއްގޮތަށް، އޭރު ރާއްޖޭން ބޭރުގައި ހުންނެވި ނާޒިމް އެނބުރި ރާއްޖެ ވަޑައިގަތުމާ އެކު އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ. ނާޒިމަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރެއް ކަމުގައިވީ ނަމަވެސް، ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން، އެ ޕާޓީގެ ހަރަކާތްތަކުގައި އޭނާ އަމަލީ ގޮތަކުން ނޫޅުއްވަ އެވެ. ނާޒިމަކީ ކުރިން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ