ރަތަފަންދޫ ކައުންސިލްގެ ރައީސް އަހުމަދު ފައުޒީގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ފޮނުވައިފި

ރަތަފަންދޫ ކައުންސިލްގެ ރައީސް އަހުމަދު ފައުޒީގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާކޮށްދިނުމަށް އޭސީސީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.
އޭސީސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އަހުމަދު ފައުޒީގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ، އޭނާއާއި ތިމާގެ މީހަކަށް އެރަށުގައި ތެލުގެ ވިޔަފާރި ކުރުމަށް ފިއުލް ސަޕްލައި މޯލްޑިވްސްއިން ތެޔޮ ހޯދާދިނުމުގެ މަގުސަދުގައި ކައުންސިލްގެ ނިންމުމެއް ނެތި ކައުންސިލްގެ ރަސްމީ ލިއުމެއް ފޮނުވާފައިވާތީއާއި، އެރަށު ގޯއްޗަކަށް ބިން އިތުރުކޮށްދީފައިވާތީއެވެ.
އޭސީސީން މައުލޫމާތު ދީފައިވާ ގޮތުގައި އެކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތަކަކާއި ގުޅިގެން އެކޮމިޝަނުން ބެލިބެލުމުން، އަހުމަދު ފައުޒީގެ އާއިލާގެ ވަރަށް ގާތް ފަރާތަކަށް ތެޔޮ ހޯދާ ދިނުމަށް ކައުންސިލްގެ ނިންމުމެއް ނެތި، ރަސްމީ ލިއުންތަކެއް ފިއުލް ސަޕްލައި މޯލްޑިވްސްއަށް އޭނާވަނީ ފޮނުވާފައެވެ. އަދި އެކަމަށް އޭނާ އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.
މީގެ އިތުރުން ބިންބިމާ ބެހޭ ގާނޫނާ ކައުންސިލް ހިންގާ ގަވާއިދާ ހިލާފަށް އެރަށު ގޯއްޗަކަށް 950 އަކަފޫޓުގެ ބިން އިތުރު ކޮށްދީފައިވާ ކަމަށް އޭސީސީން މައުލޫމާތުދެއެވެ.
އަހުމަދު ފައުޒީގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުންނެވެ. ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި މަގާމުގެ ނުފޫޒް ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދޭން އުޅުމަކީ ކުށެކެވެ. އަދި އެކުށުގެ އަދަބަކީ 3 އަހަރަށް ޖަލަށްލުން ނުވަތަ ގޭބްނދު ކުރުން ނުވަތަ އަރުވާލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ