ލުބްނާންގެ ބޮޑުވަޒީރާއި ކެބިނެޓް އިސްތިއުފާދީފި

ލުބްނާންގެ ބޮޑުވަޒީރު ނާޖިބް މިކާތީ، އޭނާގެ ކެބިނެޓާއެކު އިސްތިއުފާދެއްވައިފި އެވެ.
މިކާތީގެ ސަރުކާރު އިސްތިއުފާ ދީފައި މިވަނީ، ޖޫންމަހު އެ ޤައުމުގައި ބާއްވަން ހަމަޖެހިފައިވާ އާންމު އިންތިހާބު ރާވާ ހިންގާނެ އިލެކްޝަން ކޮމިޝަނެއް އެކުލަވާލުމާއި، ޤައުމުގެ އިންޓާނަލް ސެކިއުރިޓީ ޗީފް، އަޝްރަފް ރީފީގެ މަޤާމުގެ ދައުރު އިތުރު ކުރުމާމެދު ކެބިނެޓުގައި ހިޔާލު ތަފާތުވެ، ބައިބައިވުންތައް ގިނަވެގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސީރިއާގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ސިޔާސީ ވަޅުގަނޑަކަށް ވެއްޓިފައި ލުބުނާނުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް ފަހު ވިދާޅުވީ، އޭނާގެ އިސްތިއުފާ އާއި ގުޅިގެން، ލުބުނާނު ހަމަ މަގަށް އެޅުވުމަށްޓަކައި އެ ޤައުމުގެ ލީޑަރުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ އެމީހުންނަށް ހަނދާން ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މީގެ ދެ އަހަރެއްހާ ދުވަސްކުރިން ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށްފަހު ދެ ފަހަރެއްގެ މަތިން އިސްތިއުފާ ދެއްވުމުގެ ހިޔާލު ކުރެއްވިކަން ހާމަކުރައްވާ މިކާތީ ވިދާޅުވީ، މަޝްވަރާއިން ނޫން ގޮތަކަށް ހައްލު ނުކުރެވޭނެ ގިނަ މައްސަލަތަކެއް ލުބުނާނުގެ އެތެރޭގައި ހުރި ކަމަށާ، މި ނޭނގުމުގެ ތެރެއިން ސަލާމަތް ވުމަށް ހުރިހާ ސިޔާސީ ޕާޓީތައް އެއްބައިވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ހިޒްބުﷲ އާއި އެ ޖަމާއަތާ ގުޅިފައިވާ ބާރުތަކުން 2011 ވަނަ އަހަރު އޭރު އޮތް، ސާދު ހަރީރީގެ އެއްބައިވަންތަކަމުގެ ސަރުކާރު ނިމުމަކަށް ގެނެސް، ބޮޑުވަޒީރު ކަމަށް އިސްކުރި މިކާތީގެ ސަރުކާރުން އިއްޔެ މި ދިން އިސްތިއުފާ، އެ ޤައުމުގެ ރައީސް މީކާއިލް ސުލެއިމާން އަދި ޤަބޫލު ކުރައްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ