އަދީބުގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ހޯދޭނެކަން ޔަގީން: އުމަރު

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާގައި، ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހޯމް މިނިސްޓަރު އަދި އެ މައްސަލަ ބަލާ ނޭޝަަނަލް އިންކުއަރީ ކޮމިޝަން (އެންއައިސީ)ގެ ކޯޗެއާ އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. "ހަވީރާ" ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އެއްވެސް މީހަކު ތަހުގީގަށް ހައްޔަރުކުރަނީ، އެކަމަކާ ގުޅޭ ހެކި އެކަށީގެންވާ މިންވަރަށް ހުރުމުން ކަމަށާއި އަދީބު ވެސް މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރީ އެހެންވެ ކަމަށެވެ. "މިހާރު އޭނާ ހައްޔަރު ކުރުމަށް ފަހު އަޅުގަނޑުމެންނަށް ލިބޭ އެކިއެކި މައުލޫމާތުތަކުގެ ތެރެއިން، ތަހުގީގު ކުރަމުން ގޮސް އަޅުގަނޑަށް ވަރަށް ޔަގީން [އަދީބުގެ މައްޗަށް] ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ހޯދޭނެ ލޯންޗް ގޮއްވާލި މައްސަލާގައި،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންކުއަރީ ކޮމިޝަނުން ބަލަނީ ރައީސްގެ "ފިނިފެންމާ" ލޯންޗްކޮޅުގައި ގޮއްވާލި މައްސަލަ އެކަންޏެވެ. އެހެނިހެން މައްސަލަތައް ބަލަނީ ފުލުހުންގެ ތެރެއިން ކަމަށް އުމަރު ވިދާޅުވި އެވެ. ނައިބު ރައީސް އަހްމަދު އަދީބު މިދިޔަ ހޮނިހިރުދުވަހު ސިންގަޕޫރުން މާލެ ވަޑައިގެން މަތިންދާބޯޓުން ފާބައިވަޑައިގަންނަވަނީ: ބޯޓުން ފައިބައި ވަޑައިގެންނެވިތަނުން އަދީބު ވަނީ ހައްޔަރުކޮށްފައި. އޭނާ ވިދާޅުވީ ރާއްޖޭގައި "ނުބައި ކަމެއްް" ހިނގައިފި ނަމަ އަދީބަށް އިނގިލި ދިއްކުރާ ކަމަށް އަމިއްލަ އަށް އިއުތިރާފްވެ ވަޑައިގެންފައިވާ އިރު އެއީ "ތެދެއް" ކަމަށެވެ. އެހެންވެ މިހާރު ކުރިއަށް ގެންދާ ތަހުގީގުތައް ވެސް ކުރިއަށް ގެންދަނީ، އުމަރު ވިދާޅުވި ގޮތުގައި، އަދީބު ވިދާޅުވާ އެ "މަފްހޫމް"ގެ މައްޗަށެވެ. "ރާއްޖޭގައި ނުބައި ކަމެއް ހިނގާފައި އޮވެއްޖިއްޔާ އެ ކަމެއްގައި އޭނާގެ ނަން އޮތްތޯ ނުވަތަ ނޫންތޯ އަޅުގަނޑުމެން ބަލާނަން މިހާރު. ގާނޫނު ބްރޭކް ކުރާ ކޮންމެ މީހަކާ ދޭތެރޭގައި ފިޔަވަޅު އަޅާނަން،" އުމަރު ވިދާޅުވި އެވެ. ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ސާޖެންޓް މޫސާ ޒަމީރާއި ސާޖެންޓް މުހައްމަދު ޖަވާޒާއި ލެފްޓިނެންޓް ތިހާމް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ އިތުރުން އެސްޕީޖީގެ ކުރީގެ ވެރިޔާ އަހްމަދު ފަޔާޒް (ޕާޕާ) އާއި ނައިބު ރައީސްގެ ކުރީގެ ދެ ބޮޑީގާޑުން ވަނީ ސިފައިންގެ މަރުކަޒުގައި ބަންދުކޮށްފަ އެވެ. ރައީސް އަވަހާރަކޮށްލަން ދިން ހަމަލާ އަށް ފަހު ރައީސް ޔާމީން އިއްޔެ ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވީ އެ ހާދިސާގެ ތަހުގީގުގައި ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ ގޭގެ އިން ބޮން ހަދާ ސާމާނު ފެނިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ