ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށްވުރެ މައްޗަށް

މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެލައްކައަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއާއެކު ޗައިނާ ވެފައިވަނީ މި އަހަރުގެ ތެރޭގައި ރާއްޖެއަށް ދެ ލައްކަ ފަތުރުވެރިން ހަމަކުރި ފުރަތަމަ ގައުމަށެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެގެ ނިޔަލަށް ޗައިނާއިން ޖުމްލަ 200,047 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މިއީ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 17.1 އިންސައްތައެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,191,785 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާއެވެ.
ދެވަނައިގައި އޮތް ރަޝިއާއިން 170,007 ފަތުރުވެރިން އައިސްފައިވާއިރު، އިނގިރޭސިވިލާތުން 93,715 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން އިޓަލީއާއި ޖަރުމަނަކީވެސް ގަދަ ފަހެއްގައި ހިމެނޭ ގައުމުތަކެވެ.
މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1,307 ތަނެއް ހުޅުވާފައިވާއިރު، ޖުމްލަ ބެޑް ކެޕޭސިޓީ އުޅެނީ 68,254 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ