މެންދަމު 12 ޖަހާއިރު މުޒާހަރާ ނިމުމަކަށް ގެނައުމަށް ފުލުހުންނަށް އުމަރު އަންގަވައިފި

އިދިކޮޅު އެމްޑީޕީން މާދަމާ ބާއްވާ ބޮޑު މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗު ސަރަހައްދު ދޫކޮށް ދިޔަ ނުދިނުމަށާއި އެ މުޒާހަރާ އެރޭގެ މެންދަމު 12 ޖަހާއިރު ނިމުމަކަށް ގެނައުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެހެން އާއްމު ރައްޔިތުން ވެސް ނިދުމަށާއި މަގުގައި ހިނގުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. Asked Police to restrict the protestors to the Beach and end it by 12. (Law 1/2013, Art 33, 41) Others have a right to sleep & move freely. — Umar Naseer (@UmarNaseerPPM) November 26, 2015 މިނިސްޓަރު އުމަރު ކުރެއްވި ޓްވީޓް "މިންޖުވާން" ނަމުގައި އެމްޑީޕީން ބާއްވާ މުޒާހަރާގެ މައި ތަނަކީ އާޓިފިޝަލް ބީޗް ސަރަހައްދު ކަމަށް ވިއަސް މަގުމައްޗަށް ނުކުންނަން ޖެހިއްޖެ ނަމަ ނުކުންނާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. ފުލުހުންނާއެކު އެމްޑީޕީން ރޭ ބޭއްވި ބައްދަލުވުމުގައި އެ ޕާޓީން އެދިފައިވާ ގޮތަށް 72 ގަޑިއިރާއި 13 މިނެޓަށް މުޒާހަރާ ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން ފުލުހުންނަށް ދީފައިވާ ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ރޭ ވިދާޅުވި އެވެ. ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ރޭ "ހަވީރަ"ށް ވިދާޅުވީ ގާނޫނާ އެއްގޮތަށް އެމްޑީޕީގެ މުޒާހަރާ ކުރިއަށް ގެންދާ ނަމަ ފުލުހުންގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ