ފުރަތަމަ ދުވަހު ވެސް ބައެެއް ފުލުހުން އިނގިލި ދިއްކުރީ އަދީބަށް: އުމަރު

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާގައި ފުލުހުންގެ ބައެއް އިސް އޮފިސަރުން އެންމެ ފުރަތަމަ ދުވަހު ވެސް އިނގިލި ދިއްކުރީ ނައިބު ރައީސް އަހުމަދު އަދީބަށް ކަމަށް ހޯމް މިނިސްޓަރު އަދި އެ މައްސަލަ ބަލާ ނެޝަނަލް އިންކުއަރީ ކޮމިޝަން (އެންއައިސީ)ގެ ކޯޗެއާ އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. "ހަވީރާ" ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރައީސް ޔާމީންގެ "ފިނިފެންމާ" ލޯންޗްކޮޅުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު އެއްޗެއް ގޮއްވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ފުލުހުންގެ އިސް އޮފިސަރުންތަކެއް، ފުުލުހުންގެ ލީޑަޝިޕްގެ ބޭފުޅުންނާ ވަކިން އޭނާއާ ބައްދަލުކުރައްވަން އެދިވަޑައިގެންނެވި ކަމަށެވެ. އެެހެންވެ ރައީސްގެ އަރިހުގައި އައިޖީއެމްއެޗްގައި އުޅުއްވުމަށް ފަހު ހޯމް މިނިސްޓްރީއަށް ވަޑައިގެން އެ ޓީމާ ބައްދަލުކުރެއްވި ކަމަށް އުމަރު ވިދާޅުވި އެވެ. "ފުލުހުންގެ އޮފިސަރުންގެ ދެ ޓީމު ވަކިން އައިސް އަޅުގަނޑު ކައިރީގައި ބުނީ މިއީ ސީދާ [ރައީސް] އަވަހާރަކޮށްލަން ދިން ހަމަލައެެކޭ އެމީހުން ގަބޫލުކުރާ ގޮތުގައި. އެއީ އެކްސިޑެންޓެއް ނޫނޭ. އެ ހާދިސާ ހިނގީމައޭ މި އެނގުނީ ޕްލޭންޑް އެކްޓިވިޓީއެއްކަން. ރައީސަށް ދަންނަވާށޭ އެއާ ކޮންޑިޝަން ގޮވީކީ ނޫނޭ. މެކޭނިކަލް ކަމެއް ނޫނޭ. ރަނގަޅަށް ތަހުގީގުކުރާށޭ،" އުމަރު ވިދާޅުވި އެވެ. "އޭރު ވެސް ފުލުހުން އަޅުގަނޑު ކައިރީގައި ބުނަމުން އައި އެމީހުން ތުހުމަތު ކުރަނީ ވީޕީގެ މައްޗަށޭ." ރައީސްގެ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮވާތަން ފެންނަ ވީޑިއޯ އިން ކެޕްޗާކޮށްފައިވާ މަންޒަރެއް އުމަރު ވިދާޅުވީ އެ ބްރީފިންއަށް ފަހު ވަގުތުން އަނެއްކާވެސް ވަޑައިގަތީ އައިޖީއެމްއެޗަށް، ރައީސް ޔާމީނަށް އެ ވާހަކަ ދަންނަވަން ކަމަށެވެ. އެކަމަކު އުމަރަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުމަކީ، އޭނާ ވިދާޅުވި ގޮތުގައި، އެ ވާހަކަ ރައީސަށް ދަންނަވަން އުޅުއްވާ ކޮންމެ ފަހަރަކު ވެސް، އަދީބު، ރައީސް އަރިހުގައި ހުންނެވުމެވެ. ފުލުހުންގެ އޮފިސަރުންތަކެއް ދެއްވި ސީރިއަސް މެސެޖް ރައީސަށް ނުދެންނެވިގެން އެ ދުވަހުގެ މެންދުރާ ހަމައަށް މަޑުކުރެއްވި ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޭނުންވީ މައުލޫމާތު ރައީސަށް އެކަނި ދެއްވުމަށް ކަމަށެވެ. "ރައީސަށް އެ ވާހަކަ ނުދެންނެވިގެން އުޅެނިކޮށް، އަޅުގަނޑާ ގުޅުއްވަނީ ރައީސް މައުމޫން. އަޅުގަނޑު ކައިރިން އެހީމާ ދެންނެވިން ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތުތަކަށް ބަލާއިރު އެއީ އެކްސިޑެންޓެއް ނޫނޭ. ރައީސް މަައުމޫން ވިދާޅުވީ އެ ވާހަކަ ރައީސަށް ދަންނަވައިފިންހޭ. އަޅުގަނޑު ދެންނެވިން ނުދެންނެވެއޭ ރައީސަކަށް. ދަންނަވަން ބަލާއިރު ރައީސްގެ އަރިހުގައި އެބަ އިންނަވައޭ އެކަމުގައި އަޅުގަނޑު ތުހުމަތު ކުރާ މީހާ [އަދީބު]،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސްއާ ބައްދަލުކުރައްވަން ބޭނުންވާ ވާހަކަ މައުމޫން، ޔާމީނަށް ގުޅުއްވާފައި ވެސް، ލޯންޗްގައި ބޮން ގޮއްވި ދުވަހު ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އެ ދުވަހު ރައީސްއާ އުމަރާ ބައްދަލުކުރެވޭ ގޮތެއް ނުވި އެވެ. ރައީސް ޔާމީންއާ އުމަރާ ވަކިން ބައްދަލުކުރެއްވޭ ގޮތް ވީ ލޯންޗްގައި ގޮއްވި ދުވަހުގެ އަނެއް ދުވަހު ހެނދުނެވެ. އަދި ފުލުުހުންގެ ބްރީފިން އާއި އުމަރު ދެކެވަޑައިގަންނަވާ ގޮތް ރައީސަށް ދެންނެވި ކަމަށް އުމަރު ވިދާޅުވި އެވެ. "އަޅުގަނޑު އެ ދުވަހު ދެންނެވިން މިހާރުން މިހާރަށް އިންކުއަރީ ކޮމިޝަނެއް އުފައްދަން. އޭގެ ބައިގަޑިއިރުގެ ތެރޭގައި އެ ކޮމިޝަން ރައީސް އުފައްދަވައިފި،" އޭނާ ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ރައީސް އަވަހާރަކޮށްލަން ރާވާފައި އޮތީ "ފުދޭވަރަކަށް" ރަނގަޅަށް ކަމަށެވެ. "އެމީހުންގެ ޕްލޭން ފެއިލްވީ އަޅުގަނޑު ދަންނަވާނީ ﷲ އަޅުގަނޑުމެންނަށް ދެއްވި ނަސްރެކޭ. މިކަހަލަ މަކަރުވެރިން ކަންކަން ރާވާއިރުގައި ﷲ ވޮޑިގެންވާކަން ވެސް ނޭނގިތާ. މިކަން ރާވާފައި ވަނިކޮށް އެންމެ ކުޑަކުޑަ ސްވިޗަކުން އަޅުގަނޑުމެން ސަލާމަތްވީ،" އުމަރު ވިދާޅުވި އެވެ. "ރައީސް އެ ގޮނޑީގައި އިންނެވި ނަމަ މިއަދު ވެރިކަމުގައި ހުންނަވާނީ އެހެން ބޭފުޅެއް. މުޅި ސިޔާސީ މަސްރަހު އެހެން ގޮތަކަށް ބަދަލުވާނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ