ދައުލަތުގެ ވެރިންތަކެއް އަވަހާރަކޮށްލަން ފަންޑެއް ނުކުރަން: ގާސިމް
ވިލާއިން ފަންޑްކޮށްގެން ދައުލަތުގެ އިސް ވެރިންތަކަކަށް ހަމަލަ ދޭން ރާވާފައިވާ ކަމަށް ދައުލަތުން ބުނި ނަމަވެސް އެއީ "ބުހުތާނު ދޮގެއް" ކަމަށް ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. "އަޅުގަނޑުމެން [ވިލާ ގްރޫޕުން] އެ ބާވަތުގެ އެއްވެސް ކަމެއް އެއްވެސް އިރެއްގައި ނުހިންގަން. ނުވެސް ހިންގަމޭ. ދުވަހަކު ވެސް ނުހިންގާނަމޭ،" ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ސްރީ ލަންކާ އަށް ކުރެއްވި ދަތުރަށް ފަހު، ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވި އެވެ. ދައުލަތުގެ އިސް ވެރިންތަކަކަށް ހަމަލަދޭން ރާވާފައި ވަނީ ވިލާއިން ފަންޑްކޮށްގެން ކަން އެނގޭ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވީ، މިދިޔަ ހަފުތާގައި ގައި ބޭއްވި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތުގެ އަޑުއެހުމުގެ އެވެ. އެ މައުލޫމާތު ހުރީ، ފިސްތޯލައާއެކު ނާޒިމްގެ ކޮޓަރިން ފެނުނު ކަމަށް ފުލުހުން ބުނާ ޕެން ޑްރައިވްގައި ކަމަށް ދައުލަތުން ބުނެ އެވެ. ގާސިމަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންނެވި ބޭފުޅުންނާ އޭނާ ސަލާމް ކުރައްވަނީ -- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ޕެން ޑްރައިވުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ދައުލަތުގެ ވަކީލުން ވިދާޅުވީ ވިލާއިން ފަންޑްކޮށްގެން، "އިންޑިވިޖުއަލް ޓާސްކްތަކަކާ"އި "ޖޮއިންޓް ޓާސްކްތަކެއް" ނާޒިމާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެއީ ދައުލަތުގެ އިއްޒަތްތެރިންތަކަކަށް ހަމަލާދިނުންކަން އެނގޭ ކަމަށް ވެސް ދައުލަތުން ބުނެ އެވެ. ނަމަވެސް ދައުލަތުން އެ ތުހުމަތު ކުރަނީ އޭނާ "ފްރޭމް" ކުރުމުގެ ގޮތުން ކަމަށް ގާސިމް ވިދާޅުވި އެވެ. "ބަޔަކު އަޅުގަނޑުގެ ބޮލުގައި ކުށެއް އަޅުވަން އުޅުނެއް ކަމަކު، އަޅުގަނޑު ދަންނަވާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުށެއް ނޭޅުވޭނެއޭ،" އޭނާ ވިދާޅުވި އެވެ. ލަންކާ އަށް ކުރެއްވި ދަތުރަށް ފަހު، ގާސިމް މިއަދު މާލެ ވަޑައިގަތުމުން އޭނާއަށް މަރުހަބާ ދެންނެވުމަށްޓަކައި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ޗެއާޕާސަން އަލީ ވަހީދާއި މާލޭ މޭޔަރު މުހައްމަދު ޝިހާބު އަދި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް އެއާޕޯޓަށް ވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ