ރައްޔިތުން މަޖިލީހާއި ދެކޮޅަށް ނިކުންނާނެ ކަމުގެ އިންޒާރު ގައުމީ ހަރަކާތުން ދީފި

ޖީއެމްއާރު އަތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އަތުލުމަށް ހަރަކާތްތެރިވަމުން އަންނަ ގައުމީ ހަރަކާތުން ރައްޔިތުން މަޖިލީހާއި ދެކޮޅަށް ނިކުންނާނެ ކަމުގެ އިންޒާރު ދީފިއެވެ.
ޓްރޭޑާސް ހޮޓަލުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގައުމީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަމީމް ވިދާޅުވީ ދިވެހިންނަށް ބަލައި ނުގަނެވޭނެ ގޮތައް ހުރި ހުރިހާ ކަމަކާއި ދެކޮޅަށް ގައުމީ ހަރަކާތުން ތެދުވާނެ ކަމަށެވެ. އަދި މިގޮތުން ރައްޔިތުންގެ މަޖިލީހާއި ދެކޮޅަށްވެސް އިހްތިޖާޖުތައް ފަށާނެ ކަމުގެ އިންޒާރުވެސް ޝަމީމް ދެއްވިއެވެ.
"އަޅުގަނޑުމެން އެބަ ޖެހޭ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހެއްތޯ ބަލަންވެސް. އަޅުގަނޑުމެން މިތިބީ މިކަންވެސް ކުރާ ގޮތައް... މިހާރު ރައްޔިތުން މަޖިލީހުގައި އެބަ ހިނގާ އަޅުގަނޑުމެންގެ ބުއްދި ގަބޫލު ނުކުރެވޭ ކަންތައްތައްވެސް،" ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނަށް ހީވެފައި އޮންނަނީ މުޅި ގައުމު އޮންނަނީ އެ ބޭފުޅުންގެ ދަށުވެފައި ކަމަށެވެ. އަދި އޭނާ ވިދާޅުވީ މަޖިލީހުގެ ބައެއް މެމްބަރުންނަށް ހީވެފައި އޮންނަނީ އެބޭފުޅުން ބޭނުންހާ ގޮތެއް ހެދިދާނެ ކަމަށެވެ.
"މިހާރު ބައެއް މެމްބަރުންނަށް އެބަ ހީވޭ ތިމަންނާމެންގެ ދަށުވެފައޭ މުޅި ގައުމު މިއޮތީ. ތިމަންނާމެން ބޭނުންހާ އެއްޗެއް ހެދިދާނޭ. އެހެންވީމަ އެއީވެސް އަޅުގަނޑުމެން ކަނޑައެޅިގެން އިހުތިޖާޖް ކުރާނެ ކަމެއް. އަޅުގަނޑުމެންނާއި ތިބޭފުޅުން ބައިވެރި ވާންވީ،" ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ މި ބާވަތުގެ ވަރަށް ގިނަ ކަންތައްތަކެއް ރާއްޖޭގައި މިހާރު ހިނގަމުން އަންނަ ކަމަށާއި، ކޮރަޕްޝަނުގެ އަމަލު ތަކާއި ދެކޮޅަށްވެސް ގައުމީ ހަރަކާތުން ނިކުންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ