ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ބައްދަލުކުރައްވައިފި އެވެ.
ރައީސް މައުމޫންގެ އެދިވަޑައިގަތުމަކަށް ބޭއްވި މިބައްދަލުވުން ކުރިއަށްދިޔައީ ގާސިމް އިބްރާހީމްގެ އަމިއްލަ ގެކޮޅު، މ. މާފަންނުވިލާގަ އެވެ.
މިބައްދަލުވުމަށްފަހު މާފަންނުވިލާއިން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ގާސިމާ ބައްދަލުކުރެއްވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއަށް ތާއީދުކޮށް ދެއްވުމަށް އެދިވަޑައިގެން ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރެއްވުމަށް އެމަނިކުފާނު މީގެ ކުރިން ނިންމާފައިވާ ނިންމުން ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެން ރައީސް މައުމޫނާއި ރައީސް ނަޝީދާއި އަދި ރައީސް ވަހީދު އެދިވަޑައިގެންފައިވާތީ އެކަމުގައި ގޮތެއް ނިންމުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ހުށަހަޅާނެ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލާއި މަޝްވަރާކުރެއްވުމަށްފަހު ކައުންސިލުން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމައިފިނަމަ އެމަނިކުފާނު އެގޮތަކަށް އަމަލުކުރައްވާނެ ކަމަށެވެ.
ރައީސް މައުމޫން ގާސިމް އިބްރާހީމާއި ބައްދަލުކުރައްވާފައިވާއިރު، އިންތިހާބުގެ ދެވަނަ ބުރަކަށް ގޮސްފައިވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް ވެސް ރޭ ވަނީ ގާސިމްއާ ބައްދަލުކުރައްވާފަ އެވެ.
މައުމޫނާ ގާސިމް ބައްދަލުވެ ޖޭޕީގެ ނިންމުން ބަދަލުކުރަން ކައުންސިލަށް ހުށަހަޅަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ