ފުލުހަކު ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައެއް ދަށު ކޯޓުން އަލުން ބަލަން އަންގައިފި
ފުލުހުންގެ އޮފިސަރަކު ހިލޭ އަންހެނަކު ގޮވައިގެން ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި އެކަހެރިކޮށް އުޅެނިކޮށް ފެނުނު ކަމަށް ބުނާ މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ދަށު ކޯޓުން ނިންމާފައިވަނިކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އިއްޔެ ދަށު ކޯޓަށް އަންގައިފަ އެވެ. ޕޮލިސް ސާޖަންޓް ފ. ނިލަންދޫ ޖަނަވަރީގޭ އަލީ އަހުމަދާއި އިތުރު އަންހެނަކު އެކަހެރިކޮށް ކޮޓަރިއެއްގެ ތެރޭގައި ތިއްބާ ފެނުނު ކަމަށް ބުނާ މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ، އެ މީހުންގެ މައްޗަށް ފުރަތަމަ ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފައިވަނިކޮށް އެ ދައުވާގެ ސިފަ ދައުލަތުން ބަދަލު ކުރުމުންނެވެ. ކުރިން އެ ދެ މީހުންގެ މައްޗަށް ކުރީ ބަދު އަޚުލާގީ އަމަލު ހިންގުމުގެ ދައުވާއެއް ނަމަވެސް އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފައި ވަނިކޮށް ދައުލަތުން ވަނީ އެ ދައުވާ އިސްލާހުކޮށް، އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެ މީހުންގެ މައްޗަށް އުފުލައިފަ އެވެ. ނަމަވެސް ނިލަންދޫ ކޯޓުން ނިންމީ ކުރިން ހުށަހެޅި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފައިވަނިކޮށް ހަމަ އެކަމާ ގުޅިގެން ހުށަހެޅި ދެ ވަނަ ދައުވާ ކުރިއަށް ގެންދާނަމަ އެއީ އެއްކަމަކަށް ކުރާ ދެ ދައުވާއަކަށް ވާނެ ކަމަށެވެ. އެހެންވެ ފަހުން ހުށަހެޅި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ ނިންމުން ބާތިލްކޮށް ހައި ކޯޓުން އިއްޔެ ވަނީ އެ މައްސަލަ އަލުން ބެލުމަށް އެ ކޯޓަށް ފޮނުވައިފަ އެވެ. ހައި ކޯޓުގެ ހުކުމުގައިވަނީ ދައުވާ އަށް ބަދަލު ގެނައުމާއި ދައުވާ އަށް ސިފަ ދިނުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ ބާރެއް ކަމަށާއި އެ މައްސަލައިގައި ނިލަންދޫ ކޯޓާއި ޕީޖީ އޮފީހާ ދެމެދު ބަދަލުކުރި ސިޓީތަކަށް ބަލާއިރު ޕީޖީ އޮފީހުގެ މަގްސަދަކީ އެއް އަމަލަކަށް ދެ ދައުވާ ކުރުން ކަމަށް ނުބެލެވޭ ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ ކުރިން ހުށަހެޅި ބަދު އަޚުލާގީ އަމަލު ހިންގުމުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމާފައިވަނީ، އެ ދެ މީހުންގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުފުލުމުން ކަމަށްވާތީ ކަމަށެވެ. އެހެންވެ ފަހުން ހުށަހެޅި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރިއަށް ގެންދިއުމަކީ އެއް އަމަލެއްގެ މައްޗަށް ދެ ދައުވާއެއްގެ ޝަރީއަތް ކުރިއަށް ގެންދިއުން ކަމަށް ނުބެލެވޭނެ ކަމަށް ވެސް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ. އެހެންވެ އެ ދެ މީހުންގެ މައްޗަށް އުފުލި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ދަށު ކޯޓުން ބަލައި ނިންމުމަށްޓަކައި ކޯޓުތަކުގެ ގާނޫނުގެ ދަށުން އެ މައްސަލަ އެ ކޯޓަށް ފޮނުވީ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަލީ އަހުމަދަކީ ފެބްރުއަރީ 8، 2012 ގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި އާންމުންގެ މީހަކަށް އަނިޔާކުރިކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލުމުން އެ ކޯޓުން ނިންމާފައިވަނީ އަހުމަދުގެ މައްޗަށް ކުރި ދައުވާ ނުބައި ކަމަށްވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ މައްސަލަ ވެސް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލައިގައި އޭނާ ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އިން އެންގި ނަމަވެސް، އޭނާ ވަޒީފާ އިން ވަކިނުކޮށް ވަނީ ޕްރޮމޯޝަން ވެސް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ