ހޯމް މިނިސްޓަރު ޑރ.މުހައްމަދު ޖަމީލު އަހުމަދު ޕީޕިއެމަށް ސޮއި ކުރައްވާފާނެ ކަމުގެ އިޝާރާތެއް ޕީޕީއެމްގެ ލީޑަރު ރައީސް މައުމޫނު އަބުދުލް ގައްޔޫމު ކުރައްވައިފިއެވެ.
ޕީޕިއެމްގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ވަޑައިގެން ރައީސް މައުމޫނު ވިދާޅުވީ ޖަމީލަކީ ރަނިންމޭޓަކަށް ހަމަޖައްސަން އުޅޭ ކަމުގެ ހަބަރުތައް ފެތުރިފައިވީ ނަމަވެސް އަދި އެމަގާމަށް ވަކި ބޭފުޅަކު އައްޔަން ކުރައްވާފައި ނުވާ ކަމަށެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބުދުﷲ ޔާމީނަށް ރަނިންމޭޓަކު ކަނޑައެޅުއްވޭނީ ޔާމީން ހުށަހަޅުއްވާ ބޭފުޅަކަށް އެޕާޓީގެ ކައުންސިލުން ތާއިދު ލިބިގެންނެވެ.
ރައީސް މައުމޫނު ވިދާޅުވީ ޑރ.ޖަމީލު އެޕާޓީއަށް އަދި ސޮއި ނުކުރެއްވި ނަމަވެސް ވަރަށް އަވަހަށް ކުރައްވާފާނެ ކަމަށެވެ. އަދި ޖަމީލާއެކު އެހެން ބޭފުޅުން ކޮޅެއް ވެސް ސޮއި ކުރައްވާފާނެ ކަމުގެ އިޝާރާތެއް ރައީސް މައުމޫނު ދެއްވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ޖަމީލު ފުވައްމުލަކަސް ވަޑައިގެންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ނޫން ކަމަށެވެ. ނަމަވެސް އެމަނިކުފާނު ޕީޕީއެމްގެ ސިޔާސަތުތަކަށް ތައިދު ކުރައްވާ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ޑރ.ޖަމީލު ނިސްބަތްވެވަޑައިގަންނަވާ ގައުމީ ޕާޓީންވަނީ ޑރ.ވަހީދާ އެކު ކޯލިޝަން ހެދުމަށް ރަސްމީކޮށް ނިންމަވާފައެވެ. ނަމަވެސް ޖަމީލު ގެންދަވަނީ ފާޅުގައި ޕީޕީއެމަށް ތާއިދު ކުރައްވަމުންނެވެ. ފަހަކަށް އައިސް ޕީޕީއެމްގެ ބައެއް ޖަލްސާތަކުގައި ވެސް ޑރ.ޖަމީލު ބައިވެރިވެވަޑައިގަންނަވައެވެ.
ޑރ.ޖަމީލު ޕީޕީއެމަށް ސޮއި ކުރައްވާފާނެ ކަމުގެ އިޝާރާތެއް ރައީސް މައުމޫނު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ