ރާއްޖޭގައި ގާއިމު ކުރެވޭ އެންމެ ފެންވަރު ރަނގަޅު ލޯ ސްކޫލް އައްޑޫ ސިޓީގައި ގާއިމް ކުރަން ނިންމައިފިއެވެ.
ވިލާ ކޮލެޖާއި، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް ގުޅިގެން އައްޑޫ ސިޓީގެ މީދޫގައި ގާއިމު ކުރަން ހަމަޖެހިފައިވާ ލޯ ސްކޫލްގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަވަމުން ލޯ އިންސްޓިޓިއުޓްގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ލޯ ސްކޫލުގައި ބައިނަލްއަގްވާމީ ފެންވަރުގެ ޑިގްރީ ކޯސްތަކެއް އަންނަ އަހަރު ފެށިގެން ދާނެ ކަމަށެވެ. އަދި ލޯ ސްކޫލްގައި ކިޔަވައި ދެއްވާނީ ގާބިލް ދިވެހި ލެކްޗަރާއިންނާއި ބޭރު ލެކްޗަރާއިން ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިނގިރޭސި ވިލާތުގެ ދެ ޔުނިވާސިޓީއަކާ އެކު މިހާރު މި ގެންދަނީ ވާހަކަތައް ދެކެވެމުން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން 2014 ވަނަ އަހަރު ބައިނަލްއަގްވާމީ އެލްއެލްބީ ކޯސްތައް މި އިސްޓިޓިއުޓުގައި ކިޔަވައި ދެއްވަން ފައްޓާނަން،" ސޮއި ކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވިއެވެ.
ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވިދާޅުވީ ލޯ ސްކޫލުގެ ފުރަތަމަ ކޯސްތަކުގެ ކިޔެވުން އަންނަ މެއި މަހު ފަށަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ލޯ ސްކޫލުގައި ކިޔަވައި ދެއްވާނީ އިނގިރޭސި ބަހުން ކަމަށާއި، ފުރަތަމަ ފަށަން ހަމަޖެހިފައިވަނީ ފައުންޑޭޝަން ކޯސްތައް ކަމަށްވެސް ޑރ. އަންވަރު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިން އޯ ލެވެލް ނިންމާލުމަށް ފަހު، އޭ ލެވެލްގައި ބައިވެރި ނުވެ އަޅުގަނޑުމެގެ ފައުންޑޭޝަން ކޯސްތަކުގައި ބައިވެރި ވުންވެސް ރަނގަޅުވާނެ. އޭ ލެވެލް ނިންމާ ކުދިންވެސް ގާނޫނީ ދާއިރާއިން ކުރިއަށް ދާނަމަ މި ފައުންޑޭޝަން ކޯސް ހެދުމުން ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެ،" ޑރ. އަންވަރު ވިދާޅުވިއެވެ.
ޑރ. އަންވަރު ވިދާޅުވީ ފައުންޑޭޝަން ކޯސްތަކުގެ މުގައްރަރު އެކުލަވާލައި، އެޕްރޫވަލްއަށް މިހާރު ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެޕްރޫވަލް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ލޯ ސްކޫލް ގާއިމް ކުރަން ހަމަޖެހިފައިވަނީ އައްޑޫ ސިޓީ މީދޫގައި ހުންނަ އެސްޓީއޯ އިމާރާތެއްގެ ދެ ފަންގިފިލާގައެވެ. އަދި އެ ތަނުގައި ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައި ދެވޭނެ ކަމަށްވެސް ޑރ. އަންވަރު ވިދާޅުވިއެވެ. ޑރ. އަންވަރު ވިދާޅުވީ ފަށަން ހަމަޖެހިފައިވާ ފައުންޑޭޝަން ކޯސްތަކުގެ ފީ އަކީ އަހަރަކަށް 21 ހާސް ރުފިޔާ ކަމަށެވެ.
އައްޑޫގައި ގާއިމް ކުރެވޭ ލޯ ސްކޫލަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޑރ. އަންވަރު ވިދާޅުވިއެވެ. އަދި އައްޑޫ ކައުންސިލާއި ގުޅިގެން އެ ތަނަށް ކިޔަވަންދާ ބޭރު ރަށްރަށުގެ ކުދިންނަށް ފަސޭހައިން ތިބެވޭނެ ގޮތެއް ގާއިމް ކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ޑރ. އަންވަރު ވިދާޅުވިއެވެ.
ރާއްޖޭގައި ގާއިމު ކުރެވޭ އެންމެ ފެންވަރު ރަނގަޅު ލޯ ސްކޫލް އައްޑޫގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ