މައުމޫން އުފައްދާ ޕާޓީ އަށް ފުރަތަމަ ސޮއިކުރެއްވީ ޔާމީން

ޑީއާރުޕީގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ އާ ސިޔާސީ ޕާޓީ އަށް މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް އިއްޔެ ހަވީރު ފަށައިފި އެވެ. އެނގިފައިވާ ގޮތުގައި އެ ޕާޓީ އަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ޕީއޭގެ ލީޑަރު އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނެވެ. އޭގެ ފަހުން ސޮއިކުރެއްވީ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުކަމުން މިއަދު އިސްތިއުފާ ދެއްވި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދެވެ. ތިން ވަނަ އަށް ސޮއިކުރެއްވީ ޕީއޭގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޖައުފަރު އީސާ އާދަމެވެ. މީގެ އިތުރުން ޕީއޭގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ޒެޑް ފެކްޝަންގެ މެމްބަރުންގެ އިތުރުން އެހެން ބައެއް އާންމުން ވެސް ވަނީ އާ ޕާޓީ އަށް ސޮއިކުރައްވައިފަ އެވެ. މައުމޫންގެ އާ ޕާޓީއަށް މެމްބަރުން ސޮއި ކުރުމުގެ ކަންތައްތައް ރާނބާ ރެސްޓޯރަންޓްގައި މިހާރު ވެސް ހިނގަމުން އެބަދެ އެވެ. މައުމޫން އަރިހުގައި އިސްވެ އުޅުއްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އަމާޒަކީ އާ ޕާޓީ ރަޖިސްޓްރީ ކުރަން މި ހަފުތާގައި ހުށަހެޅުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ