މެމްބަރު ނާޒިމްގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މާދާމާއަށް ތާވަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި އުވިދިޔަ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ، މަކަރާއި ހީލަތް ހެދުމުގެ ދައުވާގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މާދަމާ އާއި އަންނަ ބުރާސްފަތި ދުވަހު ބާއްވަން ތާވަލް ކޮށްފި އެވެ. މަކަރާއި ހީލަތް ހެދުމުގެ ހަތަރު ދައުވާއެއް ނާޒިމްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލި އެވެ. ނަމަވެސް އެ ހަތަރު މައްސަލައިގައި ވެސް ދަށު ކޯޓުން ނިންމީ، ނާޒިމް ކުރީ ކުށެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އެ ހުކުމްތައް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުންތަކަށް ތާއީދުކޮށްފަ އެވެ. މި މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެއްވީ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒު މުހްސިނެވެ. މި މައްސަލަ އިސްތިއުނާފު ކުރީ މުއްދަތު ފަހަނަ އަޅައި ދިޔަ ފަހުންނެވެ. ހައި ކޯޓުގެ ހުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ކުރިން ދީފައި އޮންނަނީ 90 ދުވަހެވެ. އެހެން ނަމަވެސް، މަގުބޫލު އުޒުރެއް އޮތް ކަމަށް ކޯޓަށް ފެނިއްޖެ ނަމަ، އިސްތިއުނާފް ކުރަން އޮންނަ މުއްދަތު ހަމަވާ ފަހުން ހުށަހަޅާ މައްސަލަތައް ވެސް ބަލައިގަތުމުގެ ބާރު ހައި ކޯޓަށާއި ސުޕްރީމް ކޯޓަށް ލިބެ އެވެ. ނާޒިމްގެ މައްޗަށް ދައުވާކުރީ، ބަނދަރު ބައްތިތަކެއް ގަތުމަށް ކުރީގެ އެޓޮލްސް މިނިސްޓްރީން އިއުލާން ކުރުމުން، އޮޅުވާލައިގެން އެސްޓިމޭޓް ހުށަހަޅައިގެން ނާޒިމް އެ ޕްރޮޖެކްޓް ކާމިޔާބުކުރި ކަމަށް ބުނެ އެވެ. އަދި ކުރީގެ އެޓޮލްސް މިނިސްޓްރީ އަށް 15،000 ދިދަ ގަތުމަށް ދެ ފަހަރަކު އިއުލާން ކުރުމުން، އެ ދެ ފަހަރު ވެސް އޮޅުވާލައިގެން އެ ޕްރޮޖެކްޓްތައް ކާމިޔާބުކުރި ކަމަށް ބުނެ ވެސް ދެ ދައުވާއެއް އުފުލި އެވެ. މީގެ އިތުރުން މިސްކިތްތަކަށް ސައުންޑް ސިސްޓަމްތަކެއް ގަތުމަށް އިއުލާން ކުރުމުން، އޮޅުވާލައިގެން ނާޒިމް އެ ޕްރޮޖެކްޓް ވެސް ކާމިޔާބުކުރި ކަމަށް ބުނެ ދައުވާކުރި އެވެ. މި މައްސަލަތަކުގެ އިތުރުން، ނާޒިމްގެ އެހެން މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. އެ ތަހުގީގާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ އޮކްޓޫބަރު 22 ގައި އަމުރުކުރި އެވެ. އެ އަމުރާ އެއްގޮތަށް، އޭރު ރާއްޖޭން ބޭރުގައި ހުންނެވި ނާޒިމް އެނބުރި ރާއްޖެ ވަޑައިގަތުމާ އެކު އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ. ނާޒިމަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރެއް ކަމުގައިވީ ނަމަވެސް، ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން، އެ ޕާޓީގެ ހަރަކާތްތަކުގައި އޭނާ އަމަލީ ގޮތުން ނޫޅުއްވަ އެވެ. ނާޒިމަކީ ކުރިން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ