ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އަލީ ޒާހިރު ވާދަ ނުކުރަން ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ނުކުރަން އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ނިންމަވައިފިއެވެ.
ދިއްގަރު ދާއިރާއަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން މީގެކުރިން އަލީ ޒާހިރު ފާޅުކުރެއްވި ނަމަވެސް، އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި މިއަދު ވިދާޅުވެފައިވަނީ އެ ދާއިރާއަށް ކުރިމަތިނުލާން ނިންމަވާފައިވާ ކަމަށެވެ. އަދި ހެޔޮއެދޭ ފަރާތްތަކުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ނަމަވެސް ނުލާން ނިންމި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.
އަލީ ޒާހިރު ދިއްގަރު ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާކަމަށް ހާމަކުރިފަހުން އެމްޑީޕީ އާއި އަދާލަތު ޕާޓީން ވަނީ މަޝްވަރާކޮށްގެން އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. ނަމަވެސް ފަހުން އެމްޑީޕީން ވަނީ ދިއްގަރު ދާއިރާގެ ޕްރައިމަރީ އިއުލާން ކޮށްފައ ެވެ.
މާދަމާއަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު އެމްޑީޕީން ވަނީ އެ ޕާޓީގެ ފަރާތުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާނީ ޕްރައިމަރީއަކާ ނުލައި އަހުމަދު ރާޒީ ކަމަށް ކަނޑައަޅާފަ އެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫންއެވެ. އޭނާ ވަނީ މިއަދު އިލެކްޝަނަށް ފޯމްވެސް ހުށަހަޅުއްވާފަ އެވެ.
ދިއްގަރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރަން ނަގާ ވޯޓު އޮންނާނީ ޖޫން މަހުގެ ހަ ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ