އިބޫގެ އޮފީހަށް ވެސް ބިސް ޖަހައިފި - ސުޕްރީމް ކޯޓުން މިކަމަށް ޙައްލެއް ހޯދައިދޭން ޖެހޭ: މަޚުލޫފް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އޮފީހަށް، ބިސް ޖަހާފައިވާ ކަމަށާއި، ސުޕްރީމް ކޯޓުގެ ހުކުމް އަވަސްކޮށް އެކަމަށް ޙައްލެއް ހޯދައިދޭން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ.
ބިސް ޖަހާފައިވާ ފޮޓޯތަކެއް އާންމު ކުރައްވަމުން މަޚުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ "ރައީސްގެ މޭޒުކޮޅަށާއި މެޖޯރިޓީ ލީޑަރު އިބޫގެ އޮފީހަށް ބިސް ޖަހައިފި" ކަމަށެވެ.
މަޚުލޫފް މިގޮތަށް ވިދާޅުވިއިރު، އޭނާ ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށެން ކައިރިވެފައި ވަނިކޮށް، މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅަށް ބިސް ޖަހާފައިކަމަށާއި، އަދި ބައެއް އިދިކޮޅު މެމްބަރުން ވަނީ ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ ގަޔަށްވެސް ބިސް ޖަހާފައިކަމަށް އަޑުތައްވަނީ ފެތުރިފައެވެ.
މަޚުލޫފަކީ މަސީހުގެ ރިޔާސަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހުރަސް އެޅުމުގައި އިދިކޮޅު ފަރާތްތަކާއެކު ކުރީ ސަފުގައި މަސައްކަތްކުރައްވާ އެއް ބޭފުޅެކެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޙު ހޫނުކޮށް، އިދިކޮޅު ފަރާތްތަކުން މަގުތަކާއި މަޖިލިސްވެސް ހަލަބޮލިކުރަމުންދާއިރު، ފާއިތުވެދިޔަ ދެދުވަހުގައިވެސް، މަޖިލީހުގެ ޖަލްސާކުރިއަށް ގެންދިއުމަށް އެފަރާތްތަކުން ހުރަސްއަޅާފައި ވެއެވެ.
އަދި އިއްޔެ މެމްބަރުންގެ މެދުގައި ހަމަނުޖެހުން އުފެދި، އިދިކޮޅު ބައެއް މެމްބަރުން ސަރުކާރަށް ތާއީދުކުރާ މެމްބަރުންނަށް ޙަމަލާދީފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ