އޭސީސީގެ މައްސަލަ ތަހުގީގު ކުރުމަށް ޤައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާން ގޮވާލައްވައިފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓް ހިންގުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއި ހަވާލުކުރުމުގެ ބިޑިންގ ޕްރޮސެސްގައި ކޮރަޕްޝަނުގެ އެއްވެސްކަމެއް ހިނގާފައި ނުވާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ނިންމި ނިންމުން ތަހުގީގު ކުރުމަށް ޤައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ސަރުކާރަށާއި ފުލުހުންނަށް ގޮވާލައްވައިފިއެވެ.
ދިޓީވީގައި މިރޭ ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ އެއަރޕޯޓް ޖީއެމްއާރަށް ދިނުމުގެ ބިޑިންގ ޕްރޮސެސްގައި ކޮރަޕްޝަނުގެ އަމަލެއް ހިނގާފައިނެތްކަމަށް އޭސީސީން ނެރުނު ރިޕޯޓަކީ ހަގީގަތާއި ހިލާފް ރިޕޯޓެއްކަމުގައެވެ.
އައްބާސް ވިދާޅުވީ ޖީއެމްއާރު މައްސަލަ ނިންމުމުގައި އޭސީސީން ވޯޓްދެއްވި މެމްބަރުން އެމައްސަލާގައި ކޮރަޕްޝަނުގެ އަމަލެއްނެތްކަމަށް ވޯޓްދެއްވީ ރިޝްވަތު ހިއްޕަވައިގެން ނުވަތަ ކޮންމެވެސް ނުފޫޒެއްގެ ސަބަބުން ކަމުގައެވެ. އަދި އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ސަރުކާރަށާއި ފުލުހުންނަށް ގޮވާލައްވާކަމަށް އައްބާސް ވިދާޅުވިއެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓް ޖީއެމްއާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިނުވާކަމަށް އޭސީސީން ނިންމި ނިންމުމާއި ގުޅިގެން ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ފަރާތްތަކުގެ ފާޑުކިއުންވަނީ އޭސީސީއަށް އަމާޒުވެފައެވެ.
ހާއްސަކޮށް ރައީސް ވަހީދުގެ ޤައުމީ އިއްތިހާދު ޕާޓީގެ ކޯލިޝަނަށް ނިސްބަތްވާ ބައެއް ފަރާތްތަކުންވަނީ އޭސީސީގެ ބައެއް މެމްބަރުން ރިޝްވަތު ނެންގެވިކަމަށް ތުހުމަތު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ