103 ސްކޫލެއްގައި ނެޝަނަލް އެސެސްމަންޓް ފަށައިފި

ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން ހޮވާލެވިފައިވާ 103 ސްކޫލެއްގެ 6407 ދަރިވަރުންނަށް ނެޝަނަލް އެސެސްމަންޓް މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ފެށުނު ނެޝަނަލް އެސެސްމެންޓަކީ ގްރޭޑް ހަތަރެއް އަދި ހަތެއްގެ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން، ދިވެހި ބަސް، އިނގިރޭސި ބަސް އަދި ހިސާބު މި ތިން މާއްދާގެ އެސެސްމަންޓް ކަމަށެވެ.
މި އެސެސްމަންޓުގެ ބޭނުމަކީ ގްރޭޑް 3 އަދި 6 ނިންމާ ދަރިވަރުންނަށް، އެސެސްމަންޓުގައި ހިމެނޭ މާއްދާތަކުގެ މުޤައްރަރުން ހާސިލުވާންޖެހޭ މިންވަރު ހާސިލުވެފައި ވޭތޯ ދެނެގަތުމާއެކު، ޕްރައިމަރީ މަރުޙަލާގައި، އެދަރިވަރުން ޙާޞިލްކުރާ ނަތީޖާތަކަށް އަސަރުކުރާ ސަބަބުތައް ދެނެގަތުމަށްޓަކައި ދަރިވަރުންނާއި، މުދައްރިސުންގެ ފަރާތުން މައުލޫމާތު އެއްކުރުން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
އަދި މި މަޢުލޫމާތުގެ އަލީގައި ތަޢުލީމީ ގޮތުން ދަރިވަރުންނަށް ޙާޞިލުވާ މިންވަރު ޤައުމީ ފެންވަރުގައި ދެނެގަނެވޭނެ ކަމަށާއި އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި ތަޢުލީމީ ސިޔާސަތުތައް ބައްޓަން ކުރުމަށާއި އުނގެނުމާއި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް ކުރަންވީ ބައެއް ކަންކަން ފާހަގަކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުގެ ފަރާތުން 2015 ވަނަ އަހަރާއި މިދިޔަ އަހަރު ވެސް ގްރޭޑް 4 އަދި 7 ގެ ދަރިވަރުންނަށް މި އެސެސްމަންޓް ވަނީ ހިންގައި، އޭގެ ނަތީޖާ އާއްމު ކޮއްފައެވެ.
މިއަދު މިފެށުނު އެސެސްމަންޓް، މި މަހުގެ ހަތަރުވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ