މަސައްކަތް ކުރަނީ ކަރަންޓް ކެނޑިގެންދާ ވަގުތު ކުޑަކުރަން: ސްޓެލްކޯ
މާލެއިން ކަރަންޓް ކެނޑޭ މައްސަލައިގައި، ސްޓެލްކޯއިން މަސައްކަތް ކުރަމުން ދަނީ ކަރަންޓް ކެނޑިގެންދާ ވަގުތު ކުޑަކުރުމަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ. މާލެއިން ރޭ ކަރަންޓް ކެނޑުނު ހާދިސާއާ ގުޅިގެން ސްޓެލްކޯގެ ޓެކްނިކަލް ޓީމުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ޑިރެކްޓަރު އިބްރާހިމް ރައުފު ވިދާޅުވީ، ޖަނަރޭޓަރުތަކުން އަބަދުވެސް ކަރަންޓް އުފައްދަނީ އެވަގުތަކަށް ބޭނުންވާ މިންވަރަށް ކަމަށެވެ. އެހެން ނަމަވެސް ޖަނަރޭޓަރުތައް ރައްކާތެރިކޮށް ބަހައްޓާފައި ހުންނަ ގޮތުން، ކަރަންޓް ސިސްޓަމަށް ޓެކްނިކަލް ކަމެއް ދިމާވާއިރަށް ޖަނަރޭޓަރު އަމިއްލައަށް ނިއްވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އާތު ފޯލްޓެއް އަޔަސް ޝޯޓް ސާކިޓެއް އަޔަސް އެކަމުގެ ސަބަބުން ޖަނަރޭޓަރަށް ގެއްލުމެއް ލިބިދާނެތީ ވަރަށް ބޮޑަށް ޕްރޮޓެކްޓް ކޮށްފަ ހުންނާނީ. އެހެންވީމަ އާތު ފޯލްޓެއް އަޔަސް ޝޯޓް ސާކިޓެއް އަޔަސް އަމިއްލައަށް ޖަނަރޭޓަރު ނިއްވާލަނީ،" ކަރަންޓް ދާ ސަބަބު ކިޔައިދެމުން ރައުފު ވިދާޅުވިއެވެ. ރޭ 11:15 ހާއިރު މާލޭގެ 80 ޕަސެންޓުން ކަރަންޓް ކެނޑިގެންދިޔައީ ސްޓެލްކޯގެ ސަބްސްޓޭޝަން ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ބޮޑު ދެ ޖެނެރޭޓަރެއް ނިވުމުންނެވެ. އެ މައްސަލަ ހައްލުކޮށް ކަރަންޓް އަނބުރާ ދީފައިވަނީ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުންނެވެ. "ރޭގަ ކަރަންޓް ކެނޑުނީ މެންދުރު ދިމާވި ކަމެއްގެ ސަބަބުން. ނަމަވެސް ފަހުން އެނގުނީ ކޭބަލަށް ކައްޓި ޖަހާފައޮތްކަން. އެހެން ހުއްޓާ ކޭބަލަށް ފެން ވަދެގެން އެކަމަށް ދިމާވީ،" ރޭގެ ހާދިސާއާ ގުޅިގެން ރައުފު ވިދާޅުވިއެވެ. ޕްރެސްގައި މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ ޑިރެކްޓަރު އިބްރާހިމް ނާޝިދު ވިދާޅުވީ، ތޮއްޖެހިފައިވާ މާލޭގައި ދެ ގަޑިއިރަށް ކަރަންޓް ނެތުމަކީ އުދަނގޫ ކަމެއްކަން ކުންފުނިން ގަބޫލު ކުރާކަމަށެވެ. އަދި މަސައްކަތް ކުރަނީ ކަރަންޓް ކެނޑިފައި އޮންނަ ވަގުތު މަދުކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ރޭ މާލެއަށް ކަރަންޓް ދިނުމަށް ލަސްތަކެއް ދިމާވީ މައްސަލަ ދިމާވި ވަގުތު، ޑިއުޓީގައި ތިބި ސްޓާފުން މަދުވެ، މައްސަލަ ޖެހުނު ސަރަހައްދު ހޯދުމަށް ވަކިވަކިން ތަންތަނަށް އިންޖިނިއަރުން ފޮނުވަން ޖެހުމުން ކަމަށް ވިދާޅުވިއެވެ. "މާލެއަށް ކަރަންޓް ދޭން 12 އެޗްވީ ކޭބަލް އެބައިން ނުކުމެފަ. އޭގެން މައްސަލަ ޖެހުނު ކޭބަލްގެ މައްސަލަ ޖެހުނު ދިމާ އައިޑެންޓިފައި ކުރަންޖެހުނީ. ރަށުތެރެއަށް ކުދިން ގޮސް ބަލައިގެން ފޯލްޓް އައިޑެންޓިފައި ކުރަންޖެހެނީ،" ނާޝިދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ