ޓޫރިޒަމް ދާއިރާގެ އެވްރެޖު މުސާރަތައް ހުރީ 5500ރ.ގައި: ޓޫރިޒަމް މިނިސްޓަރު

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އެވްރެޖު މުސާރަތައް ހުރީ 5500 ރުފިޔާގައި ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
މާދަމާއަކީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ކަމުގައިވާ އިރު، ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް މިއަދު ސަން އޮންލައިނަށް ވިދާޅުވީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ފެންވަރު ރަނގަޅުކޮށް މުއައްޒިފުން ބޭނުންވާ ފަދަ މަސައްކަތު މާހައުލެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ރަނގަޅުވަރެއްގައި ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޓޫރިޒަމް ދާއިރާ އަށް ބަލާއިރު މިދާއިރާއަކީ މިއަދު މިރާއްޖޭގައި އޮތް އެންމެ މުއައްޒިފުނަށް ވެސް ރަނގަޅު އެއް ދާއިރާ، އެގޮތުން މުސާރައަށް ބެލިޔަސް އެހެނިހެން ގޮތްގޮތުން ވެސް ޓޫރިޒަމް އިންޑަސްޓްރިއަކީ މުއައްޒިފުނަށް އެންމެ ރަނގަޅު އެއް ދާއިރާ،" މިނިސްޓަރު އަދީބް ވިދާޅުވި އެވެ.
މިނިސްޓަރު އަދީބް ވިދާޅުވީ ރާއްޖޭގައި މިހާރު ތަރައްގީ ކުރަމުން އަންނަ ރިސޯޓްތަކަށް ބަލާ އިރު އެ ރިސޯތްތަކުގައި މަސައްކަތްކުރާ މުއައްޒިފުނަށް ހާއްސަ ސުވިމިން ޕޫލާއި ތަފާތު ކުޅިވަރުކުޅެވޭނެ އިންތިޒާމްތައް ވެސް ހަމަޖައްސައިދޭ ކަމަށެވެ. އަދި ވިދާޅުވީ އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް އެބައޮތް ކަމަށާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުާ ފަރާތްތަކުގެ ހައްގުގައި ސަރުކާރުން ވެސް ތަފާތު މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަދީބް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ވަރަށް ރަނގަޅަށް ކުރިއަށް ގޮސް ފަތުރުވެރިން އަންނަ އަދަދު ވެސް އިތުރުވަމުންދާއިރު އެ ދާއިރާ އިތުރަށް ކުރިއަށް ގެންދިއުމަށް އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ބޮޑު އެއްބާރުލުމެއް ބޭނުންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ