ގާސިމް އިމަޖެންސީކޮށް ހިތުގެ ސްކޭނެއް ހަދަން ޖެހޭ: ޑޮކްޓަރު
މިހާރު އޭޑީކޭގެ އައިސޫގައި އެޑްމިޓްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިމަޖެންސީކޮށް ހިތުގެ ސްކޭނެއް ހަދަން ޖެހޭކަމަށް ގާސިމް ބައްލަވާ ޑޮކްޓަރު ވިދާޅުވެއްޖެ އެވެ. ގާސިމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ މޭގައި ރިއްސައިގަނެ، ނޭވާލަން އުނދަގޫ ވެގެންނެވެ. ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓް ހިފަހައްޓާފައި ވުމުން ގާސިމް އިބްރާހީމަށް އިތުރުފަރުވާއަށް ރާއްޖޭން ބޭރަށް ފުރޭގޮތް ވަނީ ނުވެފައެވެ. އޭޑީކޭގައި މަސައްކަތް ކުރައްވާ ހިތުގެ ހާއްސަ ޑޮކްޓަރު ޕްރަތީކް ސިންގް މިއަދު ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ އިމަޖެންސީކޮށް ގާސިމްގެ ހިތުގެ ސްކޭނެއް ހަދަން ޖެހޭ ކަމަށެވެ. ގާސިމް ހަދަން ޖެހޭނެ ކަމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ސްކޭނަކީ ހިތުގެ ހިނގުން ދެނެގަތުމަށާއި ހިތަށް ލޭ ދައުރުކޮށްދޭތޯ ބެލުމަށް ހަދާ ޓެސްޓެކެވެ. އެ ޓެސްޓް ރާއްޖޭން ހެދޭކަށް ނުހުރެ އެވެ. ޑޮކްޓަރުގެ ބަޔާނުގައި ބުނެފައިވަނީ މިހާރުވެސް ގާސިމަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ. ގާސިމްގެ ޕާސްޕޯޓް ދޫކޮށްދީ، ރާއްޖޭން ބޭރަށް ފުރޭނެެގޮތް ހަދައިދިނުމަށް އާއިލާއިން ވަނީ އެދިފައެވެ. ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލައިފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުގެ މައްސަލާގައި މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިންކަމަށް ކުރާ ތުހުމަތާ ގުޅިގެން ކޮށްފައިވާ ތިން ދައުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ