ހޮލީވުޑްގައި މިހާރު އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ ނުފޫޒު ގަދަ ޕްރޮޑިއުސަރު ހާވީ ވައިންސްޓީންގެ މައްޗަށް ފެންމަތިވި ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ތުހުމަތުތަކުގެ ވާހަކަ އެވެ. އެ މައްސަލާގައި އެތައް ބަޔަކު ވައިންސްޓީންއާ ދެކޮޅަށް ނުކުމެފައިވާ އިރު، އޭނާގެ ސްޓޫޑިއޯ އިން އަންނަ މަހު މަހުގެ 24 ގައި ރިލީޒް ކުރަން ތާވަލް ކުރި ފިލްމް "ދަ ކަރަންޓް ވޯ" ވެސް އަންނަ އަހަރަށް ފަސްކޮށްފި އެވެ.
މި ބައޮގްރަފިކަލް/ހިސްޓޮރިކަލް ޑްރާމާ އަންނަ އަހަރަށް ފަސްކޮށްފައި ވަނީ ރިލީޒް ކުރާނެ ވަކި ތާރީހެއް ވެސް ނެތް ގޮތަށެވެ.
"ދަ ކަރަންޓް ވޯ" އަށް އެތައް ބަޔަކު އިންތިޒާރު ކުރަމުން ދަނިކޮށް، ފިލްމް ރިލީޒް ކުރާ ތާރީހު ފަސްކޮށް، މިހާރު ކުރިއަށްދާ ނިއުޔޯކް ފިލްމް ފެސްޓިވަލްގައި އެ ފިލްމް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ދައްކަން ހަމަޖެހިފައި ވަނިކޮށް އެކަން ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ފިލްމްގެ ސްކްރީން ރައިޓަރު މައިކަލް މިޓްނިކްއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނިއުޔޯކް ފިލްމް ފެސްޓިވަލްގައި ފިލްމް ނުދައްކަން ނިންމީ މި ދަނޑިވަޅުގައި ފިލްމް ދައްކައިގެން ލިބޭނެ އެއްވެސް "ފައިދާއެއް" ނެތުމުންނެވެ.
"ދަ ކަރަންޓް ވޯ" ގެ ޓްރެއިލާ: ފިލްމް އަންނަ އަހަރަށް ވަނީ ފަސްކޮށްފައި.
އަލްފޮންސޯ ގޮމެޒް-ރޮޖެން ޑައިރެކްޓްކޮށްފައިވާ "ދަ ކަރަންޓް ވޯ" ވަނީ މި އަހަރުގެ ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމް ފެސްޓިވަލް (ޓީއައިއެފްއެފް) ޕްރިމިއާކޮށްފަ އެވެ. ކްރިޓިކުންގެ ފަރާތުން ފިލްމަށް ލިބިފައި ވަނީ މަސްހުނި ރިވިއުތަކެވެ.
ކަރަންޓް އީޖާދު ކުރި ތޯމަސް އެޑިސަން އާއި އޭނާގެ ވާދަވެރިޔާ ޖޯޖް ވެސްޓިންގްހައުސްގެ ވާހަކަ ކިޔައިދޭ "ދަ ކަރަންޓް ވޯ" ގެ ކާސްޓުންގެ ތެރޭގައި ބެނެޑިކްޓް ކަމްބަބެޗް، ޓޮމް ހޮލަންޑް، މައިކަލް ޝެނަން، ނިކޮލަސް ހޯލްޓް، ޓަޕެންސް މިޑްލްޓަން އަދި ޑެމިއަން މޮލޮނީ ފަދަ ތަރިން ހިމެނެ އެވެ.
ފިލްމްގައި ތޯމަސް އެޑިސަލްގެ ރޯލުން ބެނެޑިކްޓް ފެނިގެންދާ އިރު، ޖޯޖްގެ ރޯލް ކުޅެފައި ވަނީ ޝެނަން އެވެ.
ވައިންސްޓީންގެ ކުޅިގަނޑާ އެކު "ދަ ކަރަންޓް ވޯ" ތާރީހެއް ނެތް ގޮތަށް އަންނަ އަހަރަށް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ