މެމްބަރު ތޯރިގް އަނެއްކާވެސް ރައީސް ޔާމީން ފަޅިއަށް!

ސަރުކާރުގެ އަމަލުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ޕީޕީއެމުން ވަކިވެވަޑައިގެންނެވި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) އަނެއްކާވެސް ރައީސް އަބްދުﷲ ޔާމީންގެ ފަޅިއަށް އަރާވަޑައިގެންފި އެވެ.
ވެރިކަންކުރާ ޕީޕީއެމާ ދުރަށް ވަޑައިގެން، ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ އިދިކޮޅު މެމްބަރުންނާ އެކު މަސައްކަތް ކުރެއްވި ތޯރިގް މިއަދު ވަނީ ސަރުކާރުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބޭއްވި، 9 ރަށެއްގެ ނަރުދަމާގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ތޯރިގް ބައިވެރިވެވަޑައިގެންނެވި ފޮޓޯ އާއްމުކުރައްވައި، އޭނާ ރައީސް ޔާމީން ފަޅިއާ ގުޅިވަޑައިގެންފައިވާ ކަމަށް ދޭހަވާ ގޮތަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ވަނީ ޓުވީޓް ކުރައްވައިފަ އެވެ.
ތޯރިގް ފޯނު ނުނަންގަވާތީ އޭނާގެ ކޮމެންޓެއް ނުލިބުނެވެ. އެކަމަކު މުބީންގެ ޓުވީޓް މިހާތަނަށް ތޯރިގް ދޮގުކުރައްވާފައެއް ވެސް ނުވެ އެވެ.
ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކުރި ރަށްތަކުގެ ތެރޭގައި އދ. ހަންޏާމީދޫ ހިމެނެ އެވެ. މިއީ، ތޯރިގް ނިސްބަތްވެވަޑައިގަންނަވާ މަހިބަދޫ ދާއިރާގައި ހިމެނޭ ރަށެކެވެ.
Welcome Back Thoariq Welcome HOME AGAIN pic.twitter.com/qZQugUsFAo— Ahmed Mubeen #RY2018 (@ahmedmubean) October 5, 2017
ތޯރިގް ކުރިން ވިދާޅުވެފައި ވަނީ ސަރުކާރުގެ އަމަލުތައް ހުރީ އޭނާ އަމިއްލަގޮތުން ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ދާއިރާގެ ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރަން ހުރަސް އެޅޭ ގޮތަށް ކަމަށެވެ. ޕާޓީން ވަކިވުމުން މެމްބަރުކަން ގެއްލޭގޮތަށް ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލާއާ މެދު ތޯރިގް ވަރަށް ބޮޑަށް ނުރުހުންފާޅުކުރެއްވި އެވެ. ނަމަވެސް ޕާޓީން ވަކިވުމުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެންބަރުންގެ ތެރޭގައި ތޯރިގެއް ނުހިމެނެ އެވެ. ނަމަވެސް އޭރު ޕާޓީން ވަކިވި އެހެން މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ޕީޕީއެމްގެ 10 މެމްބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.
މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ދަތިތައް ހައްލު ނުވެ ދިއުމުގެ ޒިންމާ ފިޝަރީޒް މިނިސްޓަރު ނަންގަވަން ޖެހޭ ކަމަށް ވިދާޅުވެ ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އޭނާ ބޭރުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ