ޖުމްހުރީ ޕާޓީގެ ވެރިކަމެއްގައި ކުކުޅާއި ކުކުޅު ބިސް އިމްޕޯޓު ކުރުމުގެ ބަދަލުގައި ރާއްޖެ އިން އެތަކެތި ތާޒާކަމާ އެކު ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް އެ ޕާޓީގެ ލިޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އއ. ތޮއްޑޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހުރީ ޕާޓީގެ ބޭނުމަކީ ރާއްޖެ އަށް ކުކުޅާއި ކުކުޅު ބިސް އެތެކުރުމުގެ ބަދަލުގައި ރަނގަޅު ކޮލެޓީގައި ރާއްޖެ އިން އެތަކެތި ލިބޭނެ ގޮތް ހެދުން ކަމަށެވެ. ޖުމްހޫރީ ޕާޓީ އަށް ރާއްޖޭގެ ވެރިކަން ލިބިއްޖެ ނަމަ އެކަން ހަގީގަތަކަށް ހައްދަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވެރިކަމެއްގައި ﷲގެ އިރާދަފުޅާ އެކު ކުކުޅުމަހާއި ކުކުޅު ބިސް ރާއްޖެ އަށް އިމްޕޯޓް ކުރަން ނުޖެހޭ ވަރަށް ރާއްޖެއަކީ ކޮލެޓީގެ ގޮތުން ފުއްދުންތެރި ގައުމަކަށް ހަދާނަން. އާދެ، އޭގެ ބޭނުމަކީ ތާޒާކޮށް ކުކުޅު ގަންނަން ލިބުމާއި ބޭނުމިއްޔާ އައިސް ކުޅުކުޅު ގަންނަން ލިބުމާއި އެހެންނަމަވެސް އޭގެ ކޮލެޓީ އާއި ރަހަ ވަރަށް ތާފާތު މިންވަރުގައި ހިފެހެއްޓުން،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އަޅުގަނޑުމެންނަށް ފިނިކުރި ކުކުޅުވެސް ލިބެނީ އެތަކެއް ދުވަސް ފަހުން ކަމަށާއި ނަމަވެސް ޖުމްހޫރީ ޕާޓީގެ އެ ސިޔާސަތުގެ ދަށުން ފަސޭހަކަމާއި ތާޒާކަމާ އެކު ރާއްޖެ އިން ކުކުޅާއި ކުކުޅު ބިސް ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
އެ ސިޔާސަތު ތަންފީޒު ކުރުމުގެ ސަބަބުން ރާއްޖެ އަށް ކުކުޅާއި ކުކުޅުބިސް އެތެރެކުރަން ނުޖެހި އެތަކެތި އިމްޕޯޓު ކުރަން ހޭދަވާ ބޭރު ފައިސާ ސަލާމަތް ކުރެވިގެންދާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
މީގެއިތުރުން ގާސިމް ވިދާޅުވީ ހެޔޮއަގުގައި ފަސޭހަކަމާ އެކު ބިންލިބުމުގެ ދަތިކަން ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ކަމަށާއި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެކަން ހައްލުކޮށް، ދަނޑުވެރިންނަށް ފަސޭހައިން ދަނޑުބިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށެވެ.
ކުކުޅާއި ކުކުޅު ބިސް އިމްޕޯޓު ނުކޮށް ރާއްޖެ އިން ލިބޭނެ ގޮތް ހަދާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ