މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިރޭ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ދެ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ދާދި ދެންމެއަކު ވަނީ ރާއްޖޭގެ ދެ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފައެވެ. އެއީ ށ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ވ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. މެޓް އޮފީހުން މިރޭ ބުނެފައިވަނީ އެ ސަރަހައްދުތަކަށް މިރޭގެ 19:30 އިން ފެށިގެން 22:30ގެ ނިޔަލަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައި ޖެހޭނީ ގަޑިއަކު ފަސް މޭލާއި 15 މޭލުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. މެޓް އޮފީހުން ބުނީ، ވިލާގަނޑުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން މިއަދުވެސް ވަނީ ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހިފައެވެ. ދާދި ފަހުން ދ. އަތޮޅަށް ކުރި ވިއްސާރައިގައި އެއަތޮޅު ދަނޑުވެރިކަން ކުރާ ރަށަކަށް ވަނީ ހޮނުވެސް އަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ