ނަން ހޯދާކަށް ނޫޅެން، މިއުޅެނީ ރައްޔިތުންނަށް އުފާ ހޯދައިދޭން: ގާސިމް

ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވަނީ ނަމެއް ހޯއްދަވަން ނޫން ކަމަށާއި އަބަދުވެސް އުޅުއްވަނީ ރައްޔިތުންނަށް އުފާ ފާގަތިކަމާއި ރޯޝަނީކަން ހޯއްދަވައި ދެއްވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގެ ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އެކުގައި ރައްޔިތުން ކުރާ މަސައްކަތުން އެއްވެސް މާޔޫސް ކަމެއް ނުލިބޭނެ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަށް އިތުބާރު ކުރައްވައި، ހުރިހާ ރައްޔިތުން ވެސް އަތާއި އަތް ގުޅާލައިގެން މަސައްކަތް ކުރެއްވުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ.
"ޖުމްހޫރީ ފިކުރަށް ވުރެ ވަކި އިސްކަން ދޭން ޖެހޭ އެހެން ފިކުރެއް އޮންނަން ވާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ޖުމްހޫރީ ފިކުރަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި މާތް ﷲ ގެ ވާގިފުޅުން އަޅުގަނޑުމެންނަށް ބާވައިލެއްވި ކީރިތި ގުރުއާނާއި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީން ހިމާޔަތްކޮށް ދެމެހެއްޓުމަށާއި އަމިއްލަ ފަރުދުންގެ ރައްކާތެރިކަމާއި ތަނަވަސްކަމަށާއި އެކުވެރިކަމާއި ތަނަވަސް ކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތައް،" ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް ކަން ވެސް ކުރެއްވި ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެ ޕާޓީން ވި ވައުދެއް ނުފުއްދާ ދޫކޮށެއް ނުލާނެއެވެ. އަދި ވަކިކަމެއް މިވެނި ސަބަބަކާ ހުރެ ނުވެ ނުދާނެ ކަމަށް ވެސް ވަރަށް ޔަގީންކަމާ އެކީގައި ގާސިމް ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކަށް ހިޔާނާތްތެރި ވެސް ނުވެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ރައްޔިތުންގެ މާލިއްޔަތަށް އަރައިގަނެފައި ސަލާމަތުން ނުހުރެވޭނެ. ލަންބާ ޗޯޅާ ވާހަކަ ދައްކަން ނުހުރެވޭނެ. މީހަކަށް އަނިޔާ ދީފައި ސަލާމަތުން ނުހުރެވޭނެ 24 ގަޑިއިރުގައި. މި ދަންނަވަނީ ހަމަ ބަރާބަރަށް. ކޮންމެހެން ރިޔާސީ ވައުދުތަކެއް ވަނީކީ ނޫން. ނަމަވެސް އެ މަގްސަދުގައި މަސައްކަތް ކުރަން ނުކުތީ،" ގާސިމް ވިދާޅުވިއެވެ.
މޯލްޑިވްސް މަނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަމާއި ފިނޭންސް މިނިސްޓަރު ކަން ފަދަ ދައުލަތުގެ އިސް މަގާމުތަކެއް މީގެކުރިން އަދާކުރެއްވި ގާސިމް ވިދާޅުވީ އެއްވެސް އިރެއްގައި "ނަން" ހޯއްދަވަން މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ. ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރެއްވީ ރައްޔިތުންނަށް "ކުރެވޭ ވަރުން ކަންކަން ކޮށްދެވޭތޯ" ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"އެކަން މިހުރީ އަޅުގަނޑު ކޮށްފައި. ކުރަމުން މިދަނީ. އަޅުގަނޑު ކޮންމެހެން ފޮނި ބަސް ބުނާކަށް ނޫން. އަޅުގަނޑާ އެއްވަރަށް މި ދެންނެވި ދާއިރާތަކުގައި، އެއީ ދީނީ ކަމެއް ވިޔަސް، އިގްތިސާދީ ކަމެއް ވިޔަސް، އެއީ ތައުލީމީ ކަމެއް ވިޔަސް، ސިއްހީ ކަމެއް ވިޔަސް، ދިވެހި ރައްޔިތުންނަށް މިއަށް ވުރެ ބޮޑު ހިއްސާއެއް އަދާކޮށްދިން މީހެއް ނުހުންނާނެ ކަން ކަށަވަރު،" ގާސިމް ވިދާޅުވިއެވެ.
މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ ވުޖޫދަށް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި އަދި ހާއްސަ މަޖިލިހުގައި ރައީސްކަން ވެސް ކުރެއްވި ގާސިމް ވިދާޅުވީ މިހާތަނަށް އައިއިރު ވެސް މަސައްކަތް ކުރެއްވީ ގައުމުގެ އަމާންކަމާއި ސުލްހަމަސްލަސްކަން ގާއިމު ކުރެއްވުމަށް ކަމަށެވެ. އަދި ވަކި މީހަކާ ޒާތީ ގޮތުން ދިމާކޮށްލައިގެން ކަމެއް ކުރައްވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަކު، 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ހޯމް މިނިސްޓަރަކަށް ތިން ހަފްތާއެއްހާ ދުވަހު ހުންނެވި އިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބާރު ލިބިގެން ކަމެއް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގެންނެވި ކަމަށް ގާސިމް ވިދާޅުވިއެވެ.
އެކަމަކު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ގާސިމް ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރަކަށް ހުންނެވި އިރު، ވަކިކަމެއް ކުރައްވަން މައުމޫން އަންގަވާފައި ނުވާ ކަމަށެވެ. އޭރުގައި ސަރުކާރުގެ ވުޒާރާތަކަށާއި މިނިވަން މުއައްސަސާތަކަށް ދޫކުރައްވަމުން ގެންދެވީ އޭނާ އަށް ފެނިވަޑައިގެންނެވި ބަޖެޓެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ