ދަނޑުވެރިކަންކުރާ ރަށަކަށް ހޮނުއަޅާ ތިން ބިދޭސީއަކަށް އަނިޔާވެއްޖެ

ދ. އަތޮޅަށް ކުރަމުންދާ ވިސާރައިގައި އެ އަތޮޅު ދަނޑުވެރިކަން ކުރާ ރަށަކަށް ހޮނުއަޅައި ތިން ބިދޭސީއަކަށް އަނިޔާވެއްޖެ އެވެ. ހޮނުއަޅާފައިވަނީ، ދ. އުއްދު ކިޔާ ދަނޑުވެރިކަން ކުރާ ރަށަކަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، ހޮނިހިރު ދުވަހުގެ ރޭ 11:20 އެހައިކަންހާއިރުއެވެ. ފުލުހުން މިރޭ ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ. އަދި އެރަށުގެ މެނޭޖްމަންޓަށް ނިސްބަތްވާ ކުންފުނީގެ ރިސޯޓެއްގައި މަސައްކަތް ކުރާ ޑޮކްޓަރު އެމީހުނަށް ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ވިއްސާރައިގައި ގުގުރާ، ހޮނުއެޅުމުގެ ސަބަބުން ދ. ބަނޑިދޫ ޕޮލިސް ސްޓޭޝަނުން ބޭނުން ކުރާ ބައެއް އިލެކްޓްރޯނިކް ސާމާނުތައްވެސް ހަލާކުވެފައިވާ ކަމަށް ފުލުުން ބުންޏެވެ. އާދިއްތަ ދުވަހުގެ ރޭ 8:00 އަށް މެޓް އޮފީހުން މޫސުން ލަފާ ކުރާގޮތް: ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ. މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށިގެން ވޭ. ވައިޖެހޭނީ، އިރާއި އިރުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި. އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވޭ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ. އެހެން ހިސާބުތަކުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ