އެމްޑީޕީން ޔާމީންގެ ފޮޓޯއަށް ބަލަން ވެސް ކެތެއް ނުވި: ޖަމީލް

މަނީ ލޯންޑްރިންގެ ކުށުގެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ ފޮޓޯފުޅަށް ބަލަން އެމްޑީޕީ އަށް ކެތެއް ނުވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޖަމީލް އެގޮތަށް އިޝާރާތް ކުރެއްވީ، އޮންލައިންކޮށް އިއްޔެ ބޭއްވި މަޖިލިހުގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވާހަކަ ދެއްކެވި އިރު، ފަހަތުގައި ހުރި ފާރުގައި ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި ޕޯސްޓަރުތައް ހަރުކޮށްފައި ހުރުމުން އެ ފާރު ނުފެންނަ ގޮތަށް ހަދަން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންގެވުމާ ގުޅިގެންނެވެ. ނަޝީދު އެގޮތަށް އެންގެވީ މަޖިލިހުގެ ގަވައިދު އެފަދަ ކަމެއް ކުރަން ތަން ނުދޭތީއެވެ.
ނަޝީދު ވިދާޅުވީ މަޖިލިހުގެ މަސައްކަތްތަކުގައި އެއްވެސް ލޯގޯއެއް، ނިޝާނެއް، އަދި ޝިއާރެއް ބޭނުން ކުރުމަކީ މަޖިލިސް ގަވައިދު ހުއްދަދޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކައުންސިލަ ޖެނެރަލް ފާތުމަތު ފިލްޒާ، އެމަނިކުފާނު އަރިހުގައި ދަންނަވާފައިވާ ކަމަށެވެ. އެހެންވެ، ބެކްގްރައުންޑް ފުސް ކުރެއްވުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.
މަޖިލިހުން އެގޮތަށް އަމަލު ކުރުމާ ގުޅިގެން ނައިބު ރައީސް ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ލީޑަރުގެ ފޮޓޯއަކަށް ބަލަން އެމްޑީޕީ އަށް ކެތެއް ނުވާ ކަމަށެވެ. އަދި އެމްޑީޕީން އިދިކޮޅުގައި ތިބިއިރު ކޮންމެ ކަހަލަ ހުތުރު ކަމެއް ވެސް ވެގެން ދިޔައީ މިނިވަން ކަމެއްގެ ގޮތުގައި ޖަމީލް ވިދާޅުވިއެވެ.
"ނޫސްވެރިންނާ މެދު ވެސް ފިޔަވަޅު އަޅަން މިހާރު ކެތްމަދުވެފައި. ނަމުން ޑިމޮކްރެސީ، ކަމުން ޚުދުމުހުތާރު،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލްގެ ޓުވީޓުގައި ވަނީ ކުރީގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލިހުގެ މޭޒު މައްޗަށް ކޮޅަށް އަރައިގެން ހުންނެވި މަންޒަރު ދައްކައިދޭ ފޮޓޯއެއް ވެސް ޓުވީޓު ކުރައްވައިފައެވެ. އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ވަޑައިގެންނެވި ދުވަހެއްގައި އިދިކޮޅު މެމްބަރުން ކުރެއްވި އިހުތިޖާޖްގެ ފޮޓޯއެއް ވެސް ޖަމީލް އާންމު ކުރެއްވިއެވެ.
ޖަމީލް އެގޮތަށް ވިދާޅުވި އިރު، މިހާރުގެ އިދިކޮޅު މެމްބަރުން ވެސް މީގެކުރިން ވަނީ މަޖިލިހުގެ ތަޅުމުގައި ޔާމީން މިނިވަން ކުރަން ގޮވާލައްވައި އިހުތިޖާޖް ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ