ޕާކިސްތާނު ސިފައިންގެ ވެރިޔާގެ މަގާމުގެ މުއްދަތު އިތުރުކުރި ކުރުން ސުޕްރީމް ކޯޓުން ސަސްޕެންޑް ކޮށްފި

ޕާކިސްތާނު ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ޖާވިދު ބަޖްވާގެ މަގާމުގެ މުއްދަތު، ބޮޑުވަޒީރު އިމްރާން ޚާން އިތުރު ތިން އަހަރަށް އިތުރުކުރި ކުރުން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ސަސްޕެންޑްކޮށްފިއެވެ.
ބޮޑުވަޒީރު އިމްރާން ޚާންގެ ނިންމެވުން ސުޕްރީމް ކޯޓުން ސަސްޕެންޑްކުރީ ވަގުތީގޮތުންނެވެ. އެއީ، އެމައްސަލަ އިތުރަށް ބެލުމަށްޓަކައެވެ.
ޕާކިސްތާނުގެ މީޑިއާއިން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ މިފިޔަވަޅަކީ ޕާކިސްތާނުގެ ނުފޫޒުގަދަ އަސްކަރިއްޔާއާއި ސުޕްރީމް ކޯޓާ ދެމެދު ހިނގާފާނެ ކޯޅުންތަކެއްގެ ފެށުމަށް ވެދާނޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަކީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއަށްވެސް ކުރިމަތިވެވަޑައި ގެންނެވި ބޮޑު ގޮންހުމެއް ކަމަށް މީޑިއާއިން ބުނެއެވެ.
އިމްރާން ޚާން ކުރިން ވިދާޅުވެފައިވަނީ، ކަޝްމީރުގެ މައްސަލާގައި އަވަށްޓެރި އިންޑިއާއާއި ޕާކިސްތާނުގެ މަސްރަހް ނުތަނަވަސްވެފައި ވާތީ، ޖެނެރަލް ބަހްވާ މަގާމުގައި ދެމި ހުންނެވުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަދި އެކަމާ ގުޅިގެން ޖެނެރަލް ގަމަރު ޖާވިދު ބަޖްވާގެ މަގާމުގެ މުއްދަތު ބޮޑުވަޒީރު އިމްރާން ޚާން އިތުރު ކުރެއްވީ މިއަހަރުގެ އޮގަސްޓްމަހުގެ 19 ވަނަ ދުވަހުއެވެ.
އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅިއަށް ދީފައިއޮތް ޒާތީ މިނިވަންކަން ނިގުޅައިގަތުމަށް އޮގަސްޓްމަހުގެ 5 ވަނަ ދުވަހު އިންޑިއާއިން ނިންމި މައްސަލާގައި ޕަކިސްތާނުންވަނީ، އިންޑިއާއާއެކު އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑާލައި، ސިޔާސީ ގުޅުންތައް ހަނިކޮށްފައެވެ.
ޕާކިސްތާނު ސިފައިންގެ ވެރިޔާގެ މަގާމުގެ މުއްދަތު އިތުރުކުރި މައްސަލާގައި މިއަދު ބޭއްވި އަޑު އެހުމުގައި ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު އާސިފް ސައީދު ޚޯސާ ވިދާޅުވީ، ޖެނެރަލް ބަޖްވާގެ މަގާމުގެ މުއްދަތު އިތުރުކުރީ އެކަށީގެންވާ ސަބަބުތަކެއް ހުރެގެންކަމަށް ބުނާނަމަ އެކަމުގެ ތަފްސީލް މައުލޫމާތު ސިފައިންގެ ފަރާތުން ކޯޓަށް ހުށަހަޅަންދެން، ޖެނެރަލް ބަޖްވާގެ މަގާމުގެ މުއްދަތު އިތުރުކުރި ކުރުން މިވަގުތަށް ސަސްޕެންޑް ކުރީ ކަމަށެވެ. އުއްތަމަ ފަނޑިޔާރުވަނީ އެކަމުގެ މައުލޫމާތު މާދަމާ ހުށަހެޅުމަށް އަސްކަރިއްޔާއަށް އަންގަވާފައެވެ.
ޕާކިސްތާނު ސިފައިންގެ ވެރިޔާގެ މަގާމު 1972 ވަނަ އަހަރު އެކަށައެޅިގެން ޕާކިސްތާނުގެ ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮންނަނީ، ޗީފް އޮފް ސްޓާފްގެ މަގާމުގެ މުއްދަތަކީ ތިން އަހަރު ކަމަށެވެ. މިހާތަނަށް ސިފައިންގެ ވެރިޔަގެ މަގާމު މަދަނީ ސަރުކާރަކުން އިތުރު ކޮށްފައިވަނީ އެންމެ ފަހަރަކުއެވެ.
ޖެނެރަލް ބަޖްވާގެ މަގާމުގެ މުއްދަތު އިތުރުކުރަން ސުޕްރީމް ކޯޓުން ދެކޮޅު ހަދާއިރު، އޭނާގެ މަގާމުގެ މުއްދަތު އަންނަ ހުކުރު ދުވަހު ހަމަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ