ރާއްޖޭގެ ހަމަޖެހުން އޮތީ އިސްލާމްދީނުގައި ތިބެގެން: ގާސިމް

ރާއްޖޭގެ ހަމަޖެހުން ކުރިއަށް އޮތްތަނުގައި ސާބިތުވެގެންދާނީ މަތިވެރި އިސްލާމްދީނުގެ ރިވެތި އުސޫލުގައި ދެމިތިބެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކީރިތި ރަސޫލާއާއި ކީރިތި ޤުރުއާނަށް ފުރައްސާރަ ކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އުވާލުމާއި ގުޅިގެން، އެކަމަށް ޝުކުރު އަދާކުރައްވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ޤާނޫނު އަސާސީއާއި ޤާނޫނުތަކުންވެސް އެކަން އެނގެން އެބައޮތް ކަމަށެވެ.
އެމްޑީއެން އުވާލުމަކީ ދިވެހިންނާއި މުސްލިމް އުއްމަތް އުފާކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ވިދާޅުވީ އެފަދަ ޖަމިއްޔާއެއް އުވާލިކަން ސަރުކާރުން އިއުލާނުކުރެއްވުން އެއީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށާއި އެކަމަށްޓަކާ ﷲ އަށް ޙަމްދުކުރައްވާ ކަމަށެވެ.
އަދި އިސްލާމް ދީނަށްޓަކާ، ދިވެހި ގައުމަށްޓަކާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު، ވިސްނުންތެރިކަމާއިއެކު އެޅުއްވި ހަރުދަނާ ފިޔަވަޅަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މީގެ އިތުރުން ހޯމް މިނިސްޓަރާއި، ޔޫތު މިނިސްޓަރގެ ސާބިތުކަމަށްޓަކާ އެ ދެ މިނިސްޓަރުންނަށްވެސް ޝުކުރުއަދާކުރައްވާ މިކަމުގައި ބައިވެރިވި ކަމާގުޅޭ އެހެން ފަރާތްތަކަށްވެސް ޖޭޕީގެ ލީޑަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކުރި މައްސަލަތަކުގައި، ބޭރު ދުނިޔޭގައިވެސް ކޮށްފައިވާ ހުކުމްތައް ފާހަގަކުރެވޭ ކަމަށާއި، ޚާއްސަކޮށް ރާއްޖޭގައި މި އޮތް 900 ވަރަކަށް އަހަރުވެފައިވާ އިސްލާމްދީނަށް ނިކަމެތިވާގޮތަށް ކަންކަން ކޮށް، މަލާމާތްކޮށް ހެދުމަކީ، ކުރެވޭނެކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
އެހެންކަމުން މި ހުރިހާ ކަމަކަށް ވިސްނުންތެރިކަމާއި ކެތްތެރިކަމާއިއެކު ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ފިޔަވަޅަށްޓަކާ ފަށްފަށުން ޝުކުރު އަދާކުރެއްވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ އެމްޑީއެން އިން ކީރިތި ރަސޫލާއާއި ކީރިތި ގުރުއާނަށް ފުރައްސާރަކޮށް ލިޔެފައިވާ ރިޕޯޓުގެ މައްސަލައިގައި ސިޔާސީ ލީޑަރުންގެ ތެރެއިން ފެށުނީއްސުރެ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދެވި ލީޑަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ