ދަރިފުޅުގެ ނަމަކަށް ނަޓެއްލާ ކިޔަން އުޅުމުން ކޯޓުން އެނަން ކިޔުން މަނާކޮށްފި

ފްރާންސްގެ ދެމަފިރިއަކަށް ލިބުނު ތުއްތު ދަރިފުޅުގެ ނަމަކަށް ނަޓެއްލާ ކިޔަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފްރާންސްގެ ދެމަފިރިން މި ނަން ކިޔަން އުޅުމުން އެކަމަށް ހުރަސް އަޅައި، އެ ނަން ނުކިޔޭނެ ކަމަށް އެންގީ އެގައުމުގެ ކޯޓަކުންނެވެ. މި ނިންމުން ނިންމި ފަނޑިޔާރު ވަނީ ކުއްޖާގެ ނަމަކަށް އެލާ ކިޔުމަށް އެދިފައެވެ.
ތުއްތު ދަރިފުޅަށް ނަޓެއްލާ ކިޔަން ފަނޑިޔާރު ދެކޮޅު ހެދީ އެ ކުއްޖާއަށް އެ ނަން ކިޔައިފިނަމަ އެހެން މީހުންގެ ފަރާތުން އެކުއްޖާއަށް އެކި ގޮތް ގޮތުން ދިމާ ކުރުމާއި ފާޑު ކިޔުން ކުރިމަތިވާނެތީއެވެ.  އެހެންވެ ފަނޑިޔާރު ނިންމާފައިވަނީ ނަޓެއްލާ ފަދަ ނަމެއް ކުއްޖަކަށް ކިޔުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމުގައިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ދުނިޔެއަށް އުފަންވި މި ތުއްތު ކުއްޖާއަށް މިހާރު ކިޔާ ނަމަކީ އެލާއެވެ. ނަމަވެސް "ލޯބިން" އަދިވެސް މި ތުއްތު ކުއްޖާއަށް ކިޔައި އުޅޭ ނަމަކީ ނަޓެއްލާ ކަމަށްވެއެވެ.
ފްރާންސްގައި ދާދި ފަހުން ވެސް މިކަހަލަ ހާދިސާއެއް ހިނގާފައިވެއެވެ. ދެމަފަރިއަކު، އެމީހުންނަށް ލިބުނު ދަރިފުޅަކަށް ކިޔަން އުޅެފައިވަނީ ސްޓްރޯބެރީއެވެ. އެފަހަރުވެސް ކޯޓުން ނިންމާފައިވަނީ އެ ނަން ނުކިޔޭނެ ކަމަށާއި އެހެން ނަމެއް ކުއްޖާއަށް ކިޔުމަށެވެ.
ފްރާންސްގައި އެމީހަކަށް ލިބޭ ދަރިފުޅަށް ބޭނުން ނަމެއް ކިޔުމުގެ އިހްތިޔާރު އޮވެއެވެ. އެކަމަކު ނަން ރަޖިސްޓަރ ކުރާ ހިސާބުން، އެ ނަމަކީ ކިޔުން އެކަށީގެންވާ ނަމެއް ނޫން ކަމަށް ވާނަމަ އެ ނަން ބަދަލު ކުރަން އަންގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ