ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހަމަނުޖެހުމަކާ ނުލައި ވެރިކަމަށް އަލުން ވަޑައި ގެންނެވެން އޮތް ހަމަ އެކަނި މަގުކަމަށްވާ ކޯޓްތައް ބޭނުން ކޮށްގެން އަލުން ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ކަމަށް ބުނެ، ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބައިނަލްއަގުވާމީ މުޖުތަމަ އަށް ފޮނުވި ލިއުމެއް ސަރުކާރުން އެންޑޯސްކޮށްދީފި އެވެ.
ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެމްޑީޕީން ފޮނުވާފައިވާ ލިއުމުގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން މޫސާ މަނިކާ ހަވާލާދީ ބުނެފައިވާ ގޮތުގައި މައުމޫނު މަސައްކަތް ކުރައްވަނީ ކުރީގެ ގާނޫނުލްއުގޫބާތު ބޭނުންކޮށްގެން އޭނާއާ ވާދަވެރި ފަރާތްތަކަށް ހަމަލާ ދެއްވާށެވެ.
އަދި އެކަމުގެ ސަބަބުން ދިވެހިރާއްޖެ ޑޮމްކްރަސީ އަކަށް ބަދަލުވުމުގެ "ނާޒުކު މަސައްކަތް" ވަނީ ނުރައްކަލުގެ ތެރޭގައި ކަމަށް ވެސް އެލިއުމުގައިވެ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއަޕާސަން މޫސާ މަނިކާ ހަވާލާދީ އެ ޕާޓީން އދ.އަށް ފޮނުވާފައިވާ ލިއުމުގައި ތުހުމަތުކޮށްފައިވާ ގޮތުގައި އެންދެރިމާގޭގެ ކައިރީގައި ހިނގި ހަމަނުޖެހުމުގައި އަނިޔާވި ކުއްޖާ އަށް ހަމަލާދީފައި ވަނީ މައުމޫނަށް ތާއީދުކުރާ އެމަނިކުފާނުންގެ އަރިސް މީހެކެވެ.
އަދި ސުޕްރީމް ކޯޓްގައި މިހާރު ހިނގަމުންދާ އެމްޑީޕީ އަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާގެ މައްސަލައަކީ މައުމޫނުގެ ދަރިކަލުން ޣައްސާނަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހޯއްދަވައި ދެއްވުމަށް ފަނޑިޔާރުންގެ އެހީއާ އެކު މައުމޫނު ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށް ވެސް އެ ލިއުމުގައި ތުހުމަތުކޮށްފައިވެ އެވެ.
ރާއްޖޭގެ ކޯޓްތަކުގެ ފަނޑިޔާރުން ނަކީ މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު ލައްވާފައިވާ ބައެއް ކަމަށާއި މިހާރު ވެސް ފަނޑިޔާރުން މަސައްކަތް ކުރައްވަނީ މައުމޫނު ބޭނުންފުޅުވާ ގޮތަށް ކަމަށް ވެސް އެމްޑީޕީން ތުހުމަތުކޮށްފައިވެ އެވެ.
އެމްޑީޕީގެ ލިއުމުގައި ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައި ވަނީ އިންސާފުވެރި ޝަރުއީ ނިޒާމެއް ގާއިމް ކުރުމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށެވެ. އަދި ޝަރުއީ ދާއިރާ ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލަމުންދާ ގޮވާލުންތަކަށް ފަނޑިޔާރުން އިޖާބަ ނުދޭ ކަމަށް ވެސް އެ ލިއުމުގައިވެ އެވެ.
އެމްޑީޕީގެ ލިއުން ފޮނުވާފައި ވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކަމަށް ވާތީ އެލިއުމަކީ ދިވެހި ސަރުކާރުން ބަލައިގެންފައިވާ ލިއުމެއް ކަން ދޭހަވެ އެވެ.
މައުމޫނު މަސައްކަތް ކުރައްވަނީ ކޯޓްތައް ބޭނުންކޮށްގެން އަލުން ވެރިކަމަށް ވަޑައިގަތުމަށް ކަމަށް އެމްޑީޕީން ބުނެ، ސަރުކާރުން އެންޑޯސްކުރި ލިއުމެއް ބޭރުގެ މިޝަންތަކަށް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ