"ގާޒީ އެކަހެރި ކުރަން ޖެހެއޭ ނަޝީދު ވިދާޅުވި"

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެކަހެރި ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށް ފުލުހަކު ނަޝީދު އާއި ދެކޮޅަށް ހެކިބަސްދެމުން މިރޭ ބުނެފި އެވެ.
އޭނާ ބުނީ ގާޒީ އެކަހެރި ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ގާޒީ ހައްޔަރުކުރަން ސީދާ ނަޝީދު އަމުރުކުރި އަޑު ނާހާ ކަމަށެވެ.
ހެކިބަސް ދެމުން އެހެން ބުނީ ފުލުހުންގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަހްމަދު ޖަމްޝީދު އެވެ. އޭނާ ބުނީ އަބްދުﷲ ގާޒީ އަށް ކޯޓާއި ކައިރިނުވެވޭނެ ގޮތް ހައްދަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި ކަމަށެވެ. ނަޝީދު އެހެން ވިދާޅުވީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ޝަހީދު ހުސައިން އާދަމް ބިލްޑިންގްގައި ފުލުހުންގެ އިސް އޮފިސަރުންނާއި ބައްދަލުކުރައްވާ ކަމަށް ޖަމްޝީދު ހެކިބަސް ދެމުން ބުންޏެވެ.
ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރުކުރީ 16 ޖެނުއަރީ 2012 ގައެވެ. ފުލުހުންގެ އިސް އޮފިސަރުންނާއި ނަޝީދު ބައްދަލުކުރައްވާފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރި ފަހުންނެވެ،
މިރޭގެ ޝަރީއަތުގައި ހެކިބަސް ދިން ދެވަނަ ފުލުސް މީހާ ކަމަށްވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝާކިރު ބުނީ ފުލުހުންގެ އިސް އޮފިސަރުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ގާޒީ އަށް ކޯޓާއި 100 ފޫޓަށް ކައިރި ނުވެވޭނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށެވެ.
ނަޝީދުގެ ވަކީލުން ވަނީ އޭނާ މިއަދު ޕީޖީ އާއި ބައްދަލުކުރިންތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި އޭނާ ބުނީ ޕޮލިސް ހެޑްކުއާޓާޒް އަށް ގޮސް މިއަދު ބަޔާންތައް ކިޔައި ޕީޖީގެ ވަކީލުންނާއި ވާހަކަދެއްކިން ކަމަށެވެ. އޭނާ އެހެން ބުނުމުން އޭނާގެ ހެކިބަހާއި މެދު ނަޝީދުގެ ވަކީލުން ވަނީ ސުވާލު އުފައްދާފައެވެ.
މިރޭ ހެކިބަސް ނަގަން ފެނުމުގެ ކުރިން ނަޝީދުގެ ވަކީލުން ވަނީ ފުލުހުންނާއި ސިފައިން ނަޝީދާއި ދެކޮޅަށް ހެކީންގެ ގޮތުގައި ހާޒިރުކުރަން އިއުތިރާޒު ކުރާ ކަމަށް ވިދާޅުވެފަ އެވެ. ނަޝީދުގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ނަޝީދުގެ ވެރިކަން ބަދަލު ކުރުމުގައި ފުލުހުންނާއި ސިފައިން ބައިވެރިވެފައިވާއިރު އެ ދެ މުއައްސަސާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަދުލުވެރިކަމާ އެކު ހެކިބަސް ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މިކަމާއި ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވެފައި ވަނީ ހެކިންގެ ހެކިބަހަށް ދޭނީ ކިހާވަރެއްގެ ބުރަދަނެއްކަން މައްސަލަ ނިންމުމުގައި ބައްލަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ