ދިއްދޫ ދާއިރާގެ އެމްޑީޕީ އޮފީސް ނަޝީދު ހުޅުވައިދެއްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ހއ. ދިއްދޫ ދާއިރާގެ އެމްޑީޕީ އޮފީސް، ދިއްދޫގައި ހުޅުއްވައިދެއްވައިފިއެވެ.
މި އޮފީސް ހުޅުވައިދެއްވީ އެމަނިކުފާނު ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ދިއްދުއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރަށު ކައުންސިލާއި، އަތޮޅު ކައުންސިލުގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ.
އަދި އެރަށުގެ ރައްޔިތުންނާ ރޭ ވަނީ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ. އަދި އޭގެ އިތުރުން ކެލާ ކައުންސިލްގެ މެންބަރުންނާއި، ދާއިރާގެ ބައެއް އިސް ފަރާތްތަކާ ރައީސް ނަޝީދު ބައްދަލުކުރެއްވިއެވެ.
ރައީސް ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމާއެކު ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ވަޑައިގެން އެގައުމުގައި ދެ އަހަރާއި ނުވަ މަހާއި 12 ދުވަހު ހުންނެވުމަށްފަހު، އެނބުރި ރާއްޖެވަޑައިގަތީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. ރައީސް ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ދާދި ފަހުން ވަނީ އަމުރުކޮށްފައެވެ.
ރައީސް ނަޝީދު ރާއްޖެވަޑައިގަތުމަށްފަހު ފުރަތަމަ ދަތުރުފުޅު ކުރައްވާފައި ވަނީ އައްޑޫ ސިޓީއަށެވެ. އަދި އޭގެ ފަހުން އިއްޔެ ވަނީ ހއ. ދިއްދުއަށް ވަޑައިގެންފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅުތަކުގައި އަނބިކަނބަލުން ލައިލާ އަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ