އުމަރު ރައީސް ނަޝީދަށް: ރާއްޖެ އަޅުވެތިކުރީ ކަނޑުފޭރޭ މީހުންނެއް ނޫން

މިއަހަރުގެ ގައުމީ ދުވަހާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރައްދު ދެއްވައިފިއެވެ.
އިއްޔެ ފާހަގަކުރި ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ "މި ދުވަހަކީ އުތީމު ތަކުރުފާނާއި އިތުރު ބަޔަކާ އެކު ހަނގުރާމަ ކުރައްވާ، ރާއްޖެ ޕޯޗުގީޒު ފޭރޭ ބައެއްގެ ކަސްތޮޅުން މިނިވަން ކުރެއްވި ދުވަސް" ކަމަށެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅާ ގުޅިގެން އުމަރު ވިދާޅުވީ ގައުމީ ދުވަހަކީ، ރާއްޖެ ހިފައިގެން ތިބި ޕޯޗުގީޒު ދައުލަތުގެ ލަޝްކަރު ބަލިކުރުމަށް ފަހު ޕޯޗުގީޒުންގެ ކިބައިން މި ގައުމު ސަލާމަތްކުރި ދުވަސް ކަމަށެވެ. މުހައްމަދު ތަކުރުފާނާއި އެމަނިކުފާނުގެ ބައިވެރީން އަނދިރިއަނދިރީންގެ ފޭލިގެޔަށް ދިން ހަމަލާ އަކީ މިލިޓަރީ އުކުޅު ތަކުގެ ތެރެއިން އެންމެ ކާމިޔާބު އުކުޅުތައް އެކުލެވޭ ހަމަލާއެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"މިކަން ކުޑަ ތަފްސީލަކާ އެކު މިދަންނަވައިލީ ހަނގުރާމައިގެ އުކުޅުތަކާއި މިލިޓަރީ ކަންކަން ދެނެވަޑައިނުގަންނަވާ ބައެއް ސިޔާސީ ބޭފުޅުން، މުހައްމަދު ތަކުރުފާނު މިރާއްޖެ ސަލާމަތްކުރެއްވީ ޕޯޗުގީޒު ދައުލަތުގެ ސިފައިގެން އަތުން ނޫންކަން ދޭހަވާ ގޮތަށް ވާހަކަދައްކަވައިފައިވާތީ އެވެ" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، މި ގައުމަށް އަރައި ތިބީ ޕޯޗުގީޒު ދައުލަތުގެ ސިފައިންކަން ޔަގީން ކުރެވޭ މުހިއްމު ހެއްކަކީ ދިވެހީން ނަސާރާ ދީނަށް ގަދަކަމުން ވައްދަން މަސައްކަތް ކުރި ކުރުން ކަމަށެވެ. އެ ސިޔާސަތަކީ އޭރު ޕޯޗުގީޒު ދައުލަތުން މުޅި ދުނިޔޭގައި ވެސް ގެންގުޅެމުން ދިޔަ ސިޔާސަތެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅާ ގުޅިގެން އުމަރުގެ އިތުރުން ބައެއް އާއްމުން ވެސް ވަނީ ތާރީހު އޮޅުވާނުލެއްވުމަށް ރައީސް ނަޝީދަށް ގޮވާލާފާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ